އައިފޯނު 12 ނެރޭ ތާރީޚު ލީކުވެއްޖެ
އެޕަލް ކުންފުނިން ކޮންމެ އަހަރަކު ނެރޭ އައިފޯނު މިއަހަރު ނެރޭ ތާރީޚު ލީކުވެއްޖެއެވެ. އެހެން އަހަރުތަކާ ހިލާފަށް އެޕަލް އިން ސެޕްޓެމްބަރު މަހު ބޭއްވި އެޕަލް އިވެންޓުގައި އައު ފޯނު ނެރެފައެއް ނުވެއެވެ.
"އެޕަލްއިންސައިޑާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެޕަލް އައިފޯނުގެ 12 ވަނަ ސީރީޒް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 13 ވާ އަންގާރަ ދުވަހުއެވެ. އަދި ޕްރީއޯޑާތައް އެމަހުގެ 16 ވަނަ ދުވަހު ހުޅުވާލާނެއެވެ.
5ޖީ ގެ ހިދުމަތް ލިބޭ އައިފޯނު 12ގެ 4 ފޯނެއް މިއަހަރު ނެރޭނެ ކަމަށް ބެލެވެއެވެ. އެއީ އައިފޯނު 12 މެކްސް، އައިފޯނު 12 ޕްރޯ އަދި އައިފޯނު 12 ޕްރޯ މެކްސްގެ އިތުރުން އައިފޯނު 12 މިނީއެވެ. އައިފޯނު މިނީ ގައި ހުންނާނީ 5.4 އިންޗިއެވެ. އެންމެ ބޮޑެތި ފޯނުތަކުގެ ސްކްރީން ސައިޒަކީ 6.7 އިންޗިިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އައިފޯނު 12 ޕްރޯގެ މޮޑެލްގައި ލައިޑާރ ސްކޭނާ (LiDAR scanner) ހުންނާނެއެވެ. މިއީ އައިޕެޑް ޕްރޯ 2020 ގައި ހިމަނާފައިވާ ފީޗާއެކެވެ.