ރިޕޯޓް

ގްރޭޑް 10 ނިންމާފައި މަހަށް ، މުސްހަފަކީ ކެރުމާއި މުރާލި ކަމުން އެއްވަނަ!

ދެން އެމްވީ ، ދެން އޮންލައިން

ވޯލްޑް މީޓަރގެ ހިސާބުތައް ދައްކާގޮތުގައި މިއަހަރު ރާއްޖޭގެ އާބާދީ 540،000 އަށްވުރެ މަތިވާނެއެވެ. މިއީ މުޅި ދުނިޔޭގެ އާބާދީގެ 0.01 އިންސައްތައެވެ. ދުނިޔޭގެ އާބާދީގެ ނިސްބަތުން މިއީ ކުޑަ ޢަދަދެއް ނަމަވެސް މި ކުޑަކުޑަ ދިވެހިރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތަކާއި އިޤްތިޞާދީ ކުރިއެރުމަށް ބަލާއިރު މިއީ ގޮންޖެހުން ބޮޑު އަދަދެކެވެ.

Ads by Sosun Fihaara

މަދަރުސާ ނިންމާފައި ނިކުންނަ ކުދިންގެ ތެރެއިން މަތީ ތައުލީމުގެ ހަރުފަތްތަކަށް ދާން ބޭނުން ނުވާ ކުދިންނާއި އެކަމުގެ ފުރުސަތު ނެތް ކުދިންނަށް ބޭނުންވާ ހުނަރާއި ތަމްރީނު ދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަމުދުން މިކަންކަމަށްފަހު މަސައްކަތުގެ ބާޒާރަށް ނުކުންނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުން ވެފައިވަނީ ބޮޑު ގޮންޖެހުމަކަށެވެ.

ޖަޒީރާ މި ރާއްޖޭގެ ކުދި ކުދި އާބާދީތަކުން ވަޒީފާގެ ބާޒާރަށް ނިކުންނަ އެންމެނަށް ސިވިލް ސާރވިސްއާއި ސަރުކާރު ކުންފުނިތަކުން ވަޒީފާގެ ފުރުސަތު ފަހިވުމަކީ ވާނޭ ކަމެއް ނޫނެވެ. އަދި އެރަށެއްގެ އިޤްތިޞާދީ ހަރަކާތްތައް ބިނާވެފައި އޮންނާނީ އާބާދީގެ ނިސްބަތަށް ކަމަށްވާއިރުރަށެއްގެ ޕްރައިވެޓް ސެކްޓަރ ކުރިއަރާ، ޕްރައިވެޓް ކުންފުނިތަކުން ނުވަތަ ވިޔަފާރިތަކުން ވެސް އެ މިންވަރަށް ވަޒީފާ އުފެއްދުމަކީ މުސްތަހީލް ކަމެކެވެ.

ކަން މިހެން އޮތްއިރު ސިވިލް ސަރވިސްއިން ނުވަތަ ސަރުކާރު ކުންފުންޏެއްގެ ވަޒީފާއަށް އެދި، އެ އިންތިޒާރުގައި ތިބެ ، މަސައްކަތް ނުކުރާ މީހުންގެ އަދަދު އިތުރުނުކޮށް ވިސްނުން ބަދަލު ކުރަން އެބަޖެހެއެވެ. މަސައްކަތް ކުރާ އާބާދީގެ ތެރެއިން މަސައްކަތެއް ނެތި ތިބި 0.64 އިންސައްތަ މީހުންގެ ވިސްނުމަށް ތަފާތު ތަކެއް ގެންނަށް އެބަޖެހެއެވެ.

ވަޒީފާއަކީ ހަލާލު މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދޭނެ ހަމަ ކޮންމެ ކަމެކެވެ. އެއީ ކޮންމެހެން ޓައީ އަޅައިގެން އޮފީހަށް ދާ މަސައްކަތެއް ނޫނެވެ. އަދި ކިއެއްތަ؟ ވަޒީފާގެ ގޮތުގައި އަހަރެމެންގެ ކާބަފައިން ވެސް އަދާކުރި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވަޒީފާ އަދާ ކުރުމީ މާބޮޑު ފަޚުރެއް ނޫން ހެއްޔެވެ؟ ޓައީ އަޅަން ޖެހޭ މަގާމަކަށް އިންތިޒާރުކޮށް ހަޔާތުގެ ބައެއް ބޭކާރުކޮށް ނުލާ އެފަދަ މަސައްކަތަކަށް ނިކުމެވޭނީ ނިކަން ހިތްވަރުހުރި ހިތްވަރުގަދަ މީހަކަށެވެ.

މިފަދަ އެއް ޒުވާނަކީ ލ.ގަމު ތުނޑީ އަވަށުގެ ޒުވާނެއް ކަމަށްވާ މުސްހަފެވެ. މިދިޔަ އަހަރު އިހައްދޫ ސުކޫލުން ގުރޭޑް 10 ނިންމައި އެރަށުގެ މިޔަވާލި ދޯނިން އޭނާ ފެށީ މަހަށް ދާށެވެ. ތައުލީމީ ގޮތުން އެންމެ މޮޅު ކުއްޖަކަށް ނުވެވުނަސް ހިތްވަރާއި ކެރުމުން މުސްހަފް އެއްވަނަ ހޯދައިފިއެވެ. ލޯބޯ ފިއްސައި ، އަތްވާއި ވާރޭގައި މަސައްކަތް ކުރާނެ މުރާލިކަން އޭނާ ލިބިގެންފިއެވެ.

މުސްހަފަށް ތަޢުރީފް ކުރަމުން ލ.ގަމުގެ ކަމުވޮށިގެންވާ މީހެއްކަމުގައިވާ އިސްމާޢީލް އަލީ ފޭސްބުކްގައި ލިޔުއްވާފައިވަނީ މުސްހަފަކީ ހިތްވަރުގަދަ ކުއްޖެއް ކަމަށާއި ކުރާނެ މަސައްކަތެއް ނޭނގި ، ދާނެ ވަޒީފާއެއް ނެތި ރަށުގައި ތިބި ކުދިންނަށް ވެސް މުސްހަފަކީ ފެންނަށް ހުރި މިސާލެއް ކަމަށެވެ.

''ސްކޫލުން އެންމެ މޮޅު ވަނަ ނުހޯދުނު ނަމަވެސް ސްކޫލް ނިންމި ދުވަހުންފެށިގެން ކުރާނެ ކަމެއް ނޭނގި ގޭގައި މަޑުކޮށްގެން މުސްޙަފު ނުހުރޭ. ވިޔާނުދާ ގުރޫޕްތަކުގައި ބައިވެރިވެގެން ދުވާލު ހަތަރުދަމާއި، ރޭގަނޑު ދަންވަރު ނުނިދާ ރަށުތެރޭ މާލިވާ ކަނޑަން ވިއްސޭކަށް ނުދޭ. ސްކޫލް ނިންމިގޮތަށް މަހަށް ނިކުތް މުސްޙަފު މަހަށްދާތާ މިހާރު މިވީ 4މަސް ދުވަސް. މަހަށްދާ ދޯނި، މަހަށް ފުރަންޏާ އެދޯނީގައި ކޮންމެ ދުވަހަކު މަހަށް ނިކުންނަ އެއް ފަޅުވެރިޔަކީ މުސްޙަފު. މިއަދު މުސްޙަފަށް މަސްދޯނިމަތީގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާގޮތް އެނގޭ. އަދި ދޯނީގެ އެހެން ފަޅުވެރިންނާއި ގުޅިގެން އެމީހުން ކުރާ މަސައްކަތްތަކުގައި ބައިވެރިވޭ. މި މަސައްކަތްތައް ދަސްކުރަނީ އެހެން މީހުން ކުރާ ގޮތް ބަލައިގެންނާއި، އެހެން މީހުން ކުރެން އަހައި އޮޅުންފިލުވައިގެން. ވޭތުވެދިޔަ 4 މަސްދުވަހުން ޖުމްލަ 59 ދުވަހު ކަނޑުމައްޗަށް ނިކުމެ މަސްވެރިކަމުގެ މަސައްކަތުގައި ބައިވެރިވެވިފައިވާއިރު މުސްޙަފަށް އެވްރެޖްކޮށް މަހަކު 14000ރ (ސާދަހާސް) އަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވޭ" އިސްމާޢީލް ލިޔުއްވާފައިވެއެވެ.

ތެދެކެވެ. ވަޒީފާއަކީ ހަލާލު އާމްދަނީއެއް ލިބޭ ކޮންމެ މަސައްކަތެކެވެ. ފިނިކޮޓަރީގައި އިނދެ އެންމެނަށް އާމްދަނީ ލިބުމަކީ ވާނެ ކަމެއް ނޫނެވެ. މަސައްކަތެއް ނެތި ތިބި ޒުވާނުން ،މުޞްހަފް ފަދަ ކެރޭ މުރާލި މަސައްކަތްތެރީންގެ ކިބައިން ހިތްވަރު ހޯދަން އެބަޖެހެއެވެ. ޤައުމުގެ އިޤްތިޞާދު ކުރިއަރާނީ މުސްހަފް ފަދަ ޒުވާނުން ގިނަވެ މަސައްކަތް ނުކުރާ މީހުންގެ އަދަދު މަދު ވެގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!