ޚަބަރު

ޝިޔާމްއާއި ގައްސާން ޕާކިސްތާނަށް ވަޑައިގެން، ރާއްޖެއާއި ޕާކިސްތާނާއި ދެމެދު ކަނޑުމަގުން ދަތުރު ކުރެވޭ ގޮތް ހެދުމަށް މަޝްވަރާ ކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެމްއެންޑީއެފްގެ ކުރީގެ ޗީފް ޗީފް އޮފް ޑިފެންސް މޭޖަރ ޖެނަރަލް އަހުމަދު ޝިޔާމް (ރިޓަޔާރޑް) އާއި ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު، އަދި އިދިކޮޅު ޕީޕީއެމްގެނައިބު ރައީސް ގައްސާނު މައުމޫން، ޕާކިސްތާނަށް ވަޑައިގެން ޕާކިސްތާނާއި ރާއްޖެއާ ދެމެދު ކަނޑުމަގުން ދަތުރުކުރެވުމުގެ ޚިދުމަތް ފެށުމަށް މަޝްވަރާތަކެއް ކުރައްވައިފި އެވެ.

ޝިޔާމާއި ގައްސާން ހިމެނޭ ގޮތަށް ރާއްޖޭގެ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ވިޔަފާރި ވެރިންތަކެއް މި މަހު 22 ގައި ޕާކިސްތާން ނޭޝަނަލް ޝިޕިންގ ކޯޕަރޭޝަން(ޕީއެންއެސްސީ) ގެ ހެޑް އޮފީހަށް ވަޑައިގެން، ރާއްޖެއާއި، ޕާކިސްތާނުގެ ކަރާޗީއާއި، ސްރީލަންކާގެ ކޮލޮމްބޯ ހިމެނޭ ގޮތަށް ފެރީގެ ޚިދުމަތް ފެށުމަށް މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ބިޒްނަސް ރެކޯޑަރ އިން މައުލޫމާތު ލިބެއެވެ.

މި މަޝްވަރާގައި ޕާކިސްތާނުގެ ހައިކޮމިޝަނަރ ވައިސް އެޑްމިރަލް އަތަރ މުޚްތަރް (ރިޓަޔާރޑް) ބައިވެރިވަޑައިގެންފައި ވާއިރު، ޕީއެންއެސްސީގެ ޗެއަރމަން ޝަކީލު އަހުމަދު މެގްނެޖޯ އާއި އެގްޒެކިއުޓިވް ޑިރެކްޓަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ދެ ގައުމަށް ބޭނުންވާ ކާބޯތަކެއްޗާއި، އާއްމު ބޭނުމަށް ބޭނުންވާ ތަކެތި ދެ ގައުމުގެ މެދުގައި ގާއިމު ކުރެވޭ، މި ދަތުރުފަތުރުގެ ނިޒާމުގެ ދަށުން ފޯރުކޮށްދިނުމަށް ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޑައިރެކްޓް ޝިޕިންގ ހިދްމަތް ފޯރުކޮށްދެވޭނެ ގޮތަކާމެދު ފުޅާ ދާއިރާއެއްގައި އެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!