ލޮކްޑައުން އަށް އަމަލުނުކުރާ އެންމެ މީހެއްގެ ކިބައިންވެސް 406 މީހުންނަށް ބަލި ފެތުރިދާނެ: ދިރާސާ
ކޯވިޑް 19 ޖެހިފައި ހުރި އެންމެ މީހަކުވެސް ލޮކްޑައުން އަށް އަމަލު ނުކުރާނަމަ އޭނާގެ ކިބައިން 30 ދުވަސްތެރޭ މި ބަލި 406 މީހުންނަށް ޖެހިދާނެ ކަމަަށް ދިރާސާ އަކުން ދައްކައިފިއެވެ.
އިންޑިޔާގެ ޔޫނިއަން ހެލްތު މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީ ލަވް އަގްރަވާލް ބުނީ، ކޯވިޑް 19 ޖައްސާ ވައިރަހުގެ ރިޕްރޮޑަކްޓިވް އަދަދަށް ބަލާނަމަ، 30 ދުވަސް ތެރޭ ބަލި ޖެހިފައި ހުރި އެކަކު ކިބައިން 406 މީހުންނަށް ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަގްރަވާލު ބުނީ ލޮކްޑައުން އަށް އަމަލުކޮށް ސޯޝަލް ޑިސްޓެންސިންގް ބަހައްޓާ ނަމަ ބަލި ޖެހިފައި ހުންނަ މީހަކު ކިބައިން އެ ބަލި ޖެހޭނީ 3 މީހުންނަށް ކަމަށެވެ.
އިންޑިއާގައި މިހާތަނަށް ކޯވިޑް 19 ޖެހުނު މީހުންގެ އަދަދު 4421 އަށް ވަނީ އަރާފައެވެ. އިއްޔެއިން ފެށިގެން މިއަދާއި ހަމައަށް ވަނީ އިތުރު 354 މީހުންނަށް ކޯވިޑް 19 ޖެހިފައެވެ. އެ ގައުމުގައި ކޯވިޑް 19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 117 އަށް އަރާފައެވެ. ބަލި ޖެހުމަށް ފަހު ރަނގަަޅުވި މީހުންގެ އަދަދު ވަނީ 326 އަށް އަރާފައެވެ.
އިންޑިއާގައި ކޯވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެ ގައުމުގެ ސަރުކާރުން ދަނީ ވަރަށް ހަރުކަށި ފިޔަވަޅު ތަކެއް އަޅަމުންނެވެ. އެގޮތުން، މުޅި އިންޑިއާ ވަނީ 21 ދުވަހުގެ މުއްދަތަލަށް ލޮކްޑައުން ވެސް ކޮށްފައެވެ.