އިތުރު ދެ ބޭންކެއް އުފެއްދުމުގެ ހުއްދަ ދީފި

ރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދެ ފަރާތަކަށް ދޫކޮށްފި އެވެ.
އެމްއެމްއޭއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދޫކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.
- މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އަށް ބޭންކިން ހުއްދަ ދީފައި ވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ބޭންކުގެ ނަމުގައި ޓިއާ 1 ބޭންކަކަށް ބަދަލުކުރަން
- ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދީފައި ވަނީ ބީއައިސީ ބޭންކް މޯލްޑިވްސްގެ ނަމުގައި ޓިއާ 1 ބޭންކެއް ގާއިމުކުރަން

ބޭންކިން ހިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދެނީ / ފޮޓޯ:އެމްއެމްއޭ
މި ހުއްދަތަކާ އެކު، ހިދުމަތް ފެށުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެ އޮތޯރިޓީން ކަނޑައަޅާ ޝަރުތުތައް ފުރިހަމަކުރުމުން އެ ދެ ފަރާތަށް ރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމުގެ ހުއްދަ ދޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެ އޮތޯރިޓީން ބުނި ގޮތުގައި މިއީ މާލީ ހިދުމަތްތައް ފުޅާކޮށް، ވާދަވެރިކަން އިތުރުކޮށް އަދި ރާއްޖޭގެ މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅެއް ކަމުގަ އެވެ.
ހަތް ބޭންކަކުން ދަނީ ރާއްޖޭގައި ބޭންކިންގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. އެއީ:
- ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
- މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
- ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)
- ބޭންކް އޮފް ސިލޯން (ބީއޯސީ)
- ހަބީބް ބޭންކް
- މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)
- ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް)
