ބަންދުކުރި ބިދޭސީ މީހާ ބުނީ ވަގަށް އެތެރެކުރި ސިނގިރޭޓުތަކަކީ ރައްޓެއްސަކު ދިން އެއްޗެއް ކަމަށް

މިމަހުގެ 24 ވަނަ ދުވަހު ވަގަށް އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓުތަކާއެކު ހައްޔަރުކުރި ބަންގްލަދޭޝް މީހާ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން އިއްޔެ ޖަހައިފި އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުން އެނގުނު ގޮތުގައި އަބްދުލްކަރީމް، 45 އަހަރު، ކޯޓުގައި ބުނެފައިވަނީ އެ ސިނގިރޭޓުތަކަކީ އޭނާގެ ރައްޓެއްސަކު ދިން އެއްޗެއް ކަމަށެވެ.
ވިލިމާލެ ފުލުހުން ހިންގި އޮޕަރޭޝަނުގައި، ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ، މެންޗެސްޓަރ ބްރޭންޑުގެ 32 ކާޓަން ސިނގިރެޓް ފެނިފައިވެ އެވެ. މި ބިދޭސީ މީހާ ހައްޔަރުކުރީ މި މައްސަލައިގަ އެވެ.
އޭނާގެ ބަންދަށް ފުރަތަމަ 15 ދުވަސް ކޯޓުން ޖެހިއިރު އެ މުއްދަތު އިއްޔެއަށް ހަމަވުމުން ކޯޓުން ވަނީ އިތުރު 15 ދުވަސް ޖަހައިފަ އެވެ.
