ހައްޖުވެރިން ބަލާ ވީހާވެސް މަދުބަޔަކު އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފި

ހައްޖާޖީން އެންބުރި ރާއްޖެއަންނަ އިރު، އެއާޕޯޓަށް ދާ މީހުން ވީހާވެސް މަދުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން އިލްތިމާސްކޮށްފި އެވެ.
ހައްޖުން އެނބުރި އައުމަށްފަހު ސަމާލުވާންވީ ކަންކަމާއި ގުޅޭގޮތުން ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓާ މުހައްމަދު ހަމްޒަތު ވަނީ ހައްޖުން އެނބުރި އަންނަމީހުންވެސް ރޯގާ ޖެހިގެން އަންނަކަމަށްވާނަމަ މާސްކު އަޅައިގެން އައުމަށް އިރުޝާދު ދީފަ އެވެ.
ހައްޖުން އެނބުރި ރާއްޖެއައިސް ވެސް 14 ދުވަސް ތެރޭގައި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ހޮސްޕިޓަަލަށް ދިއުމަށް ވަނީ އެދިފަ އެވެ.
އެ ޕްރޮގްރާމުގައި ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒު ވަނީ ހައްޖުވެރިން އެނބުރި އައުމަށްފަހު ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ނުބޭއްވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް ފުރަތަމަ ހަފުތާގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން ގެނެސްގެން އެއްވުންތައް ނުބޭއްވުމަށް އެދިވަޑައިގެންނެވި އެވެ.
ރާއްޖެއިން ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރި ހައްޖުވެރިން މާދަމާ އަންނަން ފަށާނެ އެވެ. ހައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ. އެގޮތުން ދެ ވަނަ ފްލައިޓު މި މަހުގެ 14 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ފްލައިޓުގެ ހައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އަދި ފަހު ފްލައިޓުގެ ޙައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.