ޚަބަރު

ދިވެހި ފަތުރުވެރިކަމުގެ ވެރިންނަކީ ދިވެހިންނަށް ހެދުމަކީ އަމާޒެއް: ޓޫރިޒަމް މިނިސްޓަރ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދިވެހި ފަތުރުވެރިކަމުގެ ވެރިންނަކީ ދިވެހިންނަށް ހެދުމަކީ އަމާޒެއް ކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ދާއިރާގައި މިހާރުވެސް އިސްސަފުގައި ދިވެހިން ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިހާރު އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުން ހުރި ހުރިހާ ތަނެއްގައި ދިވެހިން ތިބުން ކަމަށެވެ. އެގޮތުން މިނިސްޓަރު ވަނީ ސަފާރީތަކާއި، ރެސްޓޯރަންޓްތަކާއި، ގެސްޓްހައުސްތަކާއި، ރިސޯޓްތަކުގެ ހިންގުމުގައި ދިވެހިން ތިބެން ޖެހޭކަން ފާހަގަ ކުރައްވާފައެވެ.

ފަތުރުވެރިކަމުގެ ދުވަހުގެ ޝިޔާރު ކަމަށްވާ "ފަތުރުވެރިކަމާއި ރަށްރަށުގެ ތަރައްޤީ" އަށް އަލި އަޅުވާލައި މިނިސްޓަރު ވިދާޅުވީ މި ޝިޔާރަކީ ރައީސް ސޯލިޙްގެ ރިޔާސީ ވައުދުތަކާއި ވަރަށް ގުޅޭ ޝިއާރަކަށް ވާއިރު މިކަން ހާސިލް ކުރެވޭނީ މިދާއިރާއާއި ގުޅުންހުރި ދާއިރާތަކުން ފުރިހަމައަށް މިކަމުގެ ތެރެއަށް ވަދެވިގެން ކަމަށެވެ.

އެގޮތުން މިނިސްޓަރު ވަނީ ގެސްޓްހައުސްތަކާއި، ރެސްޓޯރަންޓްތަކާއި، ސަފާރީތަކާއި، ދަނޑުވެރިންނާއި، ފަންނާނުންނާއި އަދި ދާއިރާއާއި ގުޅުން ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ ރަށްތަކަށް ވެސް މިކަމުން މަންފާ ލިބި ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދެވޭނެ މަގު ފަހި ވެގެންދާނެ ކަމެއް ކަން ފާހަގަ ކުރައްވާފައެވެ.

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!