ޚަބަރު

އިންޑިއާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރަން މަޝްވަރާކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ

އިންޑިއާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރަން މަޝްވަރާކުރަމުން އަންނަކަމަށް އިންޑިއާއިން ހާމަކޮށްފި އެވެ.

Ads by MPL

އެކަން ހާމަކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަަން ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ ފޮރިން ސެކެޓްރީ ވިކްރަމް މިސްރީ އެވެ.

ނަމަވެސް އޭގެ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ރާއްޖެއިން އަމަލުކުރަން ވެސް ފެށީ މި ސަރުކާރުގަ އެވެ. އެއީ މި އަހަރު އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭތީ ބާއްވާ ހާއްސަ ހަފްލާއަށް ރާއްޖެއިން އެރުވި ދައުވަތަކަށެވެ. އެ ހަފްލާގެ ޝަރަފްވެރި މެހެމާނަކީ ވެސް މޯދީ އެވެ.

އިންޑިއާގެ ނޫސްތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުން މޯދީގެ ދަތުރުފުޅުގައި ދެ ގައުމަށް މުހިންމު ދާއިރާތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު މަޝްވަރާ ކުރައްވާނެ އެވެ.

ހާއްސަކޮށް ރައީސް މުއިއްޒު އިންޑިއާއަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގައި އެއްބަސްވެވަޑައިގެންނެވި "،ކޮމްޕްރިހެންސިވް އެންޑް އިކޮނޮމިކް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް" ތަންފީޒުކުރުމާ ގުޅޭ ގޮތުން ވާހަކަތައް ބާއްވާނެ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.

Ads by Allied Insurance