ދުނިޔެ

ޗައިނާއަށް ޗިޕް އެކްސްޕޯޓް ކުރުން ހުއްޓުވުމަށް އެމެރިކާއިން ސިއްރު ޓްރެކަރުތައް ބޭނުންކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާއިން ޗައިނާއަށް އެޑްވާންސްޑް ސެމިކޮންޑަކްޓަރ ޗިޕްތައް އެކްސްޕޯޓް ކުރުން މަނާކޮށްފައިވާ މިންގަނޑުތަކާ ޚިލާފަށް ފޮނުވަން އުޅޭ ފަރާތްތައް ދެނެގަތުމަށް، ޝިޕްމަންޓްތަކުގައި ސިއްރު ޓްރެކިންގ ޑިވައިސްތައް ހަރުކުރަމުންދާ ކަމަށް ރޯއިޓަރޒް އިން ރިޕޯޓްކޮށްފިއެވެ.

Ads by MPL

2022 ވަނަ އަހަރުން ފެށިގެން، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެމެރިކާއިން ވަނީ ޗައިނާއަށް އެޑްވާންސްޑް ޗިޕްތައް ވިއްކުން މަނާކޮށްފައެވެ. މިކަމާ ގުޅިގެން ޗައިނާއިން ވަނީ މިއީ "ނުބައި ނިޔަތުގައި ކުރާ ބްލޮކޭޑެއް" ކަމަށާއި، އެމެރިކާއިން "ޓެކްނޮލޮޖީ އަދި ވިޔަފާރީގެ މައްސަލަތައް ސިޔާސީކޮށް، ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ" ކަމަށް ބުނެފައެވެ.

ރޯއިޓަރޒްގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، މި ޓްރެކިންގ ޑިވައިސްތައް ބައެއް ފަހަރު ހުންނަނީ ޝިޕްމަންޓްގެ ޕެކޭޖިންގގައި ފޮރުވިފައެވެ. އަދި ކުދި ޓްރެކަރުތައް ސާރވަރުތައް ފަދަ ތަކެތީގެ އެތެރޭގައިވެސް ހަރުކުރެވިފައި ހުރެއެވެ. މި އޮޕަރޭޝަންތަކުގައި އާންމުކޮށް އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓްގެ ބިއުރޯ އޮފް އިންޑަސްޓްރީ އެންޑް ސެކިއުރިޓީ، އެފްބީއައި އަދި ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް ބައިވެރިވާ ކަމަށް ވެއެވެ.

ނަމަވެސް، ފާއިތުވި ހޯމަ ދުވަހު ޗައިނާއާއެކު ވެވުނު ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން، ޕްރެޒިޑެންޓް ޓްރަމްޕް ވަނީ ންވިޑިއާ އަދި އޭއެމްޑީއަށް ވަކި ބާވަތްތަކެއްގެ ސެމިކޮންޑަކްޓަރުތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ ދެއްވާފައެވެ. މީގެ ތެރޭގައި ންވިޑިއާގެ އެޗް20 ގްރެފިކްސް ޕްރޮސެސިންގ ޔުނިޓް އަދި އޭއެމްޑީގެ އެމްއައި308 ޗިޕް ހިމެނެއެވެ. ނަމަވެސް މި ވިއްކުންތަކުން ލިބޭ އާމްދަނީގެ 15 އިންސައްތަ އެމެރިކާ ސަރުކާރަށް ދޭންޖެހޭނެއެވެ.

މި ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ހަނގުރާމަ މަޑުޖެހުމަކަށް އައިސް، އިތުރު 90 ދުވަހުގެ މުއްދަތަކަށް ޓެރިފް ހުއްޓާލުމަށް ވަނީ އެއްބަސްވެފައެވެ. މިއީ ދެ ޤައުމުގެ މުދަލަށް ތިން ހަނޑި އަދަދަކަށް ޓެރިފް ކަނޑައެޅުން ހުއްޓުވުމަށް ވެވުނު އެއްބަސްވުމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!