އައިފޯން 17 ގެ ހުރިހާ މޮޑެލްތަކެއް އިންޑިއާގައި އުފައްދަން އެޕަލްއިން ނިންމައިފި
ޗައިނާގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށާއި އެމެރިކާގެ ޓެރިފް ރިސްކްތަކުން ސަލާމަތްވުމަށް، އެޕަލްއިން ވަނީ އިންޑިއާގައި އައިފޯން އުފެއްދުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ނިންމާފައެވެ. މިގޮތުން، ކުރިއަށް އޮތް އައިފޯން 17 ސީރީޒްގެ ހުރިހާ މޮޑެލްތަކެއް، ޕްރޯ ވެރިއަންޓްތައް ހިމެނޭގޮތަށް، އިންޑިއާގައި އެސެމްބަލްކުރުމަށް ވަނީ ނިންމާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އައިފޯން 17 އުފެއްދުމުގެ މަސައްކަތް އިންޑިއާގެ ފަސް ފެކްޓަރީއެއްގައި ކުރިއަށްދާނެއެވެ. މީގެ ތެރެއިން ދެ ފެކްޓަރީއަކީ އަލަށް ހުޅުވުނު ފެކްޓަރީތަކެކެވެ. ޓާޓާ ގްރޫޕްގެ ހޯސޫރުގައި ހުންނަ އައު ޕްލާންޓާއި، ފޮކްސްކޮންގެ ބެންގަލޫރު އެއަރޕޯޓް ކައިރީގައި ހުންނަ އައު ހަބަކީ މި ފުޅާކުރުމުގެ މަސައްކަތުގެ މައި މަރުކަޒުތަކެވެ.
އެޕަލްގެ މުހިންމު ޕާޓްނަރެއްގެ ގޮތުގައި އަވަސް ދުވެލީގައި ކުރިއަރަމުންދާ ޓާޓާއިން، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އިންޑިއާގެ އައިފޯން އުފެއްދުންތެރިކަމުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ބަލަހައްޓާނެ ކަމަށް ލަފާކުރެވެއެވެ. ފޮކްސްކޮންއިން ވަނީ ބެންގަލޫރު ކައިރީގައި ހުންނަ 2.8 ބިލިއަން ޑޮލަރުގެ އައު ފެސިލިޓީގައި އައިފޯން 17 އުފެއްދުން ފަށާފައެވެ.
އެޕަލްގެ އިންޑިއާގެ އިންވެސްޓްމަންޓް މިހާރު ވަނީ ނަތީޖާ ފެންނަން ފަށާފައެވެ. މި އަހަރުގެ އޭޕްރިލް އިން ޖުލައި އަށް، އިންޑިއާއިން 7.5 ބިލިއަން ޑޮލަރުގެ އައިފޯން އެކްސްޕޯޓް ކުރެވިފައިވެއެވެ. އަދި މާރޗް މަހު ނިމުނު މާލީ އަހަރުގައި، އިންޑިއާގައި 22 ބިލިއަން ޑޮލަރުގެ އައިފޯން އެސެމްބަލް ކުރެވުނެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 60 ޕަސެންޓްގެ ކުރިއެރުމެކެވެ.
އެޕަލްގެ ސީއީއޯ ޓިމް ކުކް ވަނީ ފާހަގަކުރައްވާފައިވާ ގޮތުގައި، 2025 ގެ ޖޫން މަހު އެމެރިކާގައި ވިއްކުނު އައިފޯންތަކުގެ ގިނަ އަދަދެއް އުފެއްދިފައިވަނީ އިންޑިއާގައެވެ. އެނަލިސްޓުންގެ ބުނާ ގޮތުގައި، އެޕަލްގެ މި ބަދަލާއެކު އިންޑިއާގެ ގްލޯބަލް މެނުފެކްޗަރިންގ ހަބެއްގެ ގޮތުގައި ހުރި މަޤާމު ވަނީ އިތުރަށް ވަރުގަދަވެފައެވެ.
