ދުނިޔެ

އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުކަމަށް އިންޑިއާއަށް ފިޖީގެ ތާއީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރުކަމަށް 2028-29 ވަނަ އަހަރުގެ ދައުރަށް އިންޑިއާގެ ކެންޑިޑޭޗަރއަށް ފިޖީން ތާއީދުކުރާ ކަމަށް އެ ގައުމުން އަލުން ކަށަވަރުކޮށްދީފިއެވެ. މިކަން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒުން ހިއްސާކުރި އިންޑިއާ-ފިޖީ ޖޮއިންޓް ސްޓޭޓްމަންޓްގައި ބަޔާންކޮށްފައިވެއެވެ.

Ads by MPL

ދެ ގައުމުގެ ލީޑަރުންގެ މަޝްވަރާތަކުގައި، އދ. އިސްލާހުކުރުމުގެ މުހިންމުކަމާއި، މިހާރުގެ ޖިއޯޕޮލިޓިކަލް ހަގީގަތްތައް އެންމެ ރަނގަޅަށް ދައްކުވައިދިނުމަށްޓަކައި ސަލާމަތީ މަޖިލިސް ފުޅާކުރަންޖެހޭ ކަމަށް އެއްބަސްވިއެވެ. އަދި އިންޑިއާއަކީ އިސްލާހުކުރެވޭ އަދި ފުޅާކުރެވޭ އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއްގެ ގޮތުގައި ހުންނަންޖެހޭނެ ގައުމެއްކަމަށް ފިޖީން ދެކޭކަން އަލުން ކަށަވަރުކޮށްދީފައިވެއެވެ.

ފިޖީގެ ބޮޑުވަޒީރު ރަބުކާ، އިންޑިއާއިން "ވޮއިސް އޮފް ގްލޯބަލް ސައުތް" ސަމިޓްތައް އިންތިޒާމުކޮށް، އިސްނެގުމުގައި ދައްކާފައިވާ ލީޑަރޝިޕްގެ ދައުރު ފާހަގަކުރެއްވިއެވެ. މި ސަމިޓްތަކަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ކަންބޮޑުވުންތަކާއި، ގޮންޖެހުންތަކާއި، ތަރައްގީގެ އިސްކަންދޭ ކަންކަމާ މެދު މަޝްވަރާކުރުމަށް ލިބޭ މުހިންމު މަންސައެއް ކަމުގައި ވިދާޅުވިއެވެ.

އިންޑޯ-ޕެސިފިކް ސަރަހައްދުގައި މިނިވަން، ހުޅުވާލެވިފައިވާ، ރައްކާތެރި އަދި އެކުލެވޭ ވެށްޓެއް ގާއިމުކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިއެވެ. އަދި ސަރަހައްދީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށާއި، އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސުލްހައާއި ސްޓެބިލިޓީއަށް ހިއްސާކުރުމަށް އެއްބާރުލުން ދިނުމަށް އެއްބަސްވިއެވެ.

ފިޖީގެ ބޮޑުވަޒީރު ރަބުކާ އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު ބޮޑުވަޒީރުކަމުގައި އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ މަގުސަދަކީ އިންޑިއާ-ފިޖީ ގުޅުން އިތުރަށް ބަދަހިކޮށް، ސްޓްރެޓެޖިކް ޕާޓްނަރޝިޕާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ފުޅާކުރުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!