ޚަބަރު

މީޑިއާ ބިލަށް ނޫސްވެރިންގެ ހިޔާލު ހޯދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
Majilis
މަޖިލިސް ތަޅުމުގައި މެމްބަރުން / ފޮޓޯ:ދެން އިމޭޖްސް

ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް މީޑިއާ ބިލަށް ނޫސްވެރިންނާއި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް ހިޔާލު ހޯދަން ނިންމައިފި އެވެ.

ދައުރުން ބޭރުން އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އެ ބިލު ދިރާސާ ކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުވައިފަ އެވެ. މަޖިލީހަށް ބިލު ބަލައިގަތީ ބިލާ ދެކޮޅަށް ނޫސްވެރިންތަކެއް އަޑު އުފުލައި މުޒާހަރާ ވެސް ކުރަމުން ދަނިކޮށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދު ބައްދަލުވުމުގައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކޮމާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޔޫތު މިނިސްޓްރީ އާއި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް އެ ކޮމިޓީ އަށް ހާޒިރުކޮށް، ހިޔާލު ހޯދުމަށް ނިންމައިފަ އެވެ.

މީޑިއާ ކޮންޓްރޯލް ކުރާ ގޮތަށް ހުށަހެޅި ބިލާ މެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިން އަންނަނީ ބިލާ ދެކޮޅަށް ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ. އޭގައި ބުނެފައި ވަނީ ބިލު ފަރުމާކޮށްފައި އޮތީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިވާ ގޮތަށް ކަމަށެވެެ.

އެހެންވެ މި ބިލާ ގުޅިގެން ނޫސްވެރިން ގޮވާލަމުން އަންނަނީ ކޮމިޓީ މަރުހަލާގައި އިސްލާހު ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ވުރެ ބިލް އެއްކޮށް ބޭރުކޮށްލުމަށެވެ.

މި ބިލް މަޖިލީހަށް ހުށަހެޅުއްވީ މި އަހަރުގެ ކުރީކޮޅު ވެސް އެފަދަ ބިލެއް ހުށަހެޅުއްވި ސަރުކާރާ ގާތް ގުޅުމެއް އޮންނަ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު މުހައްމަދެވެ.

Ads by HDC