މުޒާހަރާކުރާ ނޫސްވެރިން އަދިވެސް ގޮވާލަނީ ބިލު ބޭރުކުރުމަށް

މީޑިއާތައް ރެގިއުލޭޓް ކުރަން ވެގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކުރުމުގެ ވިސްނުން ނުގެންގުޅޭ ކަން ސަރުކާރުން ހާމަކުރި ފަހުން ވެސް މުޒާހަރާކުރާ ނޫސްވެރިން ބިލު ބޭރުކުރަން ގޮވާލައިފި އެވެ.
އެ ބިލު އޮތީ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން ބިލު ބޭރުކުރި އިރުން ފެށިގެން ނޫސްވެރިން ގެންދަނީ ރައީސް އޮފީހުގެ ކުރިމަތީގައި ހުރި މީޑިއާ ފެންޑާގައި ތިބެގެން މުޒާހަރާ ކުރަމުންނެވެ.
އެންމެ ފަހުން މިއަދު މެންދުރުފަހު 2:30 ގައި ނޫސްވެރިންނާ ރައީސް ބައްދަލުކުރެއްވި އެވެ. އަދި ފަހުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ނޫސްވެރިންނާ ބައްދަލު ކުރައްވައި ބިލު ބޭރުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ވެސް ނެތް ކަމަށް އުޝާމް ވިދާޅުވީ އެވެ.
އޭގެ ފަހުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބައިވެރިވެގެން ތިބި މުޒާހާރާގައި އުޅުނު ބައެއް ނޫސްވެރިން އެ ބައްދަލުވުން ވޯކްއައުޓްކޮށް އެ ތަނުން ނުކުމެގެން ގޮސް އަނެއްކާ ވެސް ރައީސް އޮފީހުގެ މީޑިއާ ފެންޑާއަށް ގޮސް އަޑުއުފުލި އެވެ.
ނޫސްވެރިން އަޑުއުފުލަމުން ދިޔައީ ބިލު ބޭރުކުރުމަށް ގޮވާލަމުންނެވެ.