އެމްޑީޕީން ސިލްސިލާ މުޒާހަރާ ފަށަނީ، އާންމުން ނުކުތުމަށް ގޮވާލައިފި

މީޑިއާތަކުގެ މައްސަލަ ބަލަން އާ ކޮމިޝަނެއް ހަދާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް އޮތް ބިލެއް ކަމަށް ބުނެ އެ ބިލާ ދެކޮޅަށް ސިލްސިލާކޮށް މުޒާހަރާކުރުމަށް އިދިކޮޅު އެމްޑީޕީން މިރޭ ނިންމައިފި އެވެ.
މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަދަރެއް ހުށަހެޅުއްވީ އެމްޑީޕީގެ މަނަދޫ ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ތޯރިގެވެ. ގަރާރުގައި ވަނީ 3 އޮކްޓޯބަރުން ފެށިގެން އެ ސިލްސިލާ މުޒާހަރާކުރުމަށެވެ.
މި ގަރާރަށް ވާހަކަ ދައްކަވަމުން ގިނަ މެންބަރުން ފާހަގަކުރައްވަމުން މަގު މައްޗަށް ނުކުމެގެން ނޫނީ ވިޔަފާރިތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާއާއި، ރައްޔިތުންގެ ހަނިކުރަމުންދާ ހައްގުތައް ނުލިބޭނެ ކަމެވެ. އެހެންވެ މުޒާހަރާތަކަށް ރައްޔިތުން ނުކުންނަން ޖެހޭ ކަމަށެވެ.
މި ފަހުން ސިޔާސީ ޕާޓީތަކުން ބާއްވާ މަގުމަތީ ހަރަކާތްތަކަށް މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ. މި ސަރުކާރު އަދި ކުރީގެ ސަރުކާރުގެ ދުވަސްވަރުގައި ވެސް މަގު މައްޗަށް ނުކުންނަނީ މަދު ބައެކެވެ.
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ފަހު އަހަރުތަކުގައި ފެށިގެން ދިޔަ އިސްލާހީ ހަރަކާތްތަކާއި، ފެހި ގާނޫނުއަސާސީއަށް ފަހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މުހައްމަދު ވަހީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ދުވަސްވަރު މަގުމަތީ ހަރަކާތްތަކަށް ފެނުނު ތަރުހީބު މިހާރު ނުފެނެ އެވެ.
މީޑިއާ ބިލާ ދެކޮޅަށް ރައީސް އޮފީހާއި މުލިއާގެ ހިމެނޭ ގްރީން ޒޯނުގައި ހަރަކާތްތެރިވީ ނޫސްވެރިން އެކަންޏެވެ.
