ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓާއި، ރާއްޖެ

ރާއްޖެއާއި ސީނުކަރާގެ ގުޅުމަކީ އިއްޔެއަކު މިއަދަކު އުފެދުނު ގުޅުމެއް ނޫނެވެ. ރާއްޖެއާއި ސީނުކަރާގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތަށް މީގެ އެތަށް ސަތޭކަ އަހަރެއްކުރިން ހިނގަމުން އައިކަން ދިވެހި ތާރީހުން އެހުރީ ހެކިދޭށެވެ. ދިވެހިން ބޭނުންކުރަމުންއައި ސީނުކަރާގެ ތަށި ކަންވާރު މިއަދުވެސް ގައުމީ ދާރުލް އާސާރުގައި އެހުރީ ފެންނާށެވެ. 1972 އަހަރު ރަސްމީކޮށް ފަތްފުއްތަކަށް މިގުޅުން ތިރިކޮށް ރަސްމީ ހައިސިއްޔަތެއް ދެވި ދެގައުމުގެ ވިޔަފާރިއާ އިގްތިސޯދުގެ ގުޅުންތަކުގެ އިތުރުން އަސްކަރީ ގޮތުންނާއި، އުމްރާނީ ގޮތުންނާއި ފަންނީ ގޮތުން ދިވެހިންނަށް ސީނުކަރާއިގެ އެހީތެރިކަމާ މަދަދުވެރިކަން ކަނޑަނޭޅި ދިއައީ ލިބެމުންނެވެ. ދިވެހިން ތަރައްގީގެ ދަތުރުގައި ސީނުކަރަ ނުވަތަ ޗައިނާއަކީ އެންމެ ބޮޑު އެއް މަދަދުގާރުކަމާއިމެދު ޝައްކެއްނެވެ. ސީނުކަރައިގެ ރައްޔިތުންގެ ޖުމްހޫރިއްޔާ ނުވަތަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ސަރުކާރުން ދިވެހި ސަރުކާރާއި ބާއްވަވާ ގާތް ގުޅުން ޗައިނާގެ ޓިއަންޖިންގައި މިހާރު ކުރިޔަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުންވެސް އެނގި ހާމަވެއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާއި އެކު ކުރިޔަށްދިޔަ މި ސަމިޓުގައި ވެރިނަގެ ބައްދަލުކުރެއްވުންތަކުގެ އިތުރުން އެސް.ސީ.އޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލުވެގެން ދިއުމަކީ ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރުގެ ދުޅަހެޔޮ ގުޅުމުގެ ނަމޫނާއެކެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި، އިސްތިރާޖީ ސަބަބުތަކާހުރެ އިޤްތިޞާދުތައް ރޫޅިގެންދާދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި ދިވެހިންގެ އަޑު އިއްވާލަން ފުރުސަތު ލިބުމީ ޝަރަފެކެވެ.
އިންޑިއާ ފަދަ ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކުގެ ވެރިންނާއި އެކު ޗައިނާގައި ކުރިޔަށްދިޔަ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓަށް ދުނިޔޭގެ ވެރިންނާއިއެކު ބައިވެރިވެ ވަޑައިގެން ތަގުރީރު ކުރެއްވުމަށް ޗައިނާގެ ރައީސް ޝީޖިން ޕިން ރައީސް ޑރ މުއިއްޒަށް ދެއްވި ދައުވަތުން ހާމަވަނީ ޗައިނާއިން ރާއްޖެއަށްދޭ އަހަމިއްޔަތުކަމެވެ. ރާއްޖެފަދަ ކުޑަ ގައުމަކުން ދުނިޔޭގެ ބޮޑެތި ބާރުތަކާއިއެކު މިފަދަ ގާތް ގުޅުމެއް އޮތްކަން ދުނިޔެއަށް ފެނިގެންދިއުމަކީ ރާއްޖެއަށް އޭގެ ނަފާ ކުރާނެކަމެކެވެ.
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގެ ތެރެއިން ޗައިނާގެ ރައީސް ޝީޖިން ޕިން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދޭދޭ ގުޅުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަތީ ފަންތީގެ މަޝްވަރާތައް ވަނީ ކުރިއަށްގެންދަވާފައެވެ. އަދި އެ ބައްދަލުވުމުގައި ދެ ޤައުމު ގުޅިގެން މިހާރު ކުރިއަށްގެންދާ މަޝްރޫއުތައް އަވަސް ކުރުމާ ގުޅޭގޮތުންނާއި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތަކުން މަޝްވަރާކުރެއްވިގެން ދިއުމީ ދިވެހިންނަށް އުފާވެރި ހަބަރެކެވެ.
ދެ ޤައުމުގެ ރައީސުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި، އިންވެސްޓްމަންޓުގެ ދާއިރާއާއި، ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިގެން ދިޔައިރު ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ގެފަރާތުން ލިބިގެން ދިއުމަކީ ދިވެހިންނަށް ލިބުނު ފެހި ސިގްނަލެކަން ކަށަވަރެވެ.
