ޚަބަރު

އަނދަގޮނޑިއަކަށް ބިރުގަންނާނެ ބަޔަކު އެމްޑީޕީގައި ނުތިބޭނެ: ފައްޔާޒް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

އަނދަގޮނޑިއަކަށް ބިރުގަންނާނެ ބަޔަކު އެމްޑީޕީގައި ނުތިބޭނެ ކަމަށް، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ސަރުކާރާ ދެކޮޅަށް އަންނަ މަހުގެ 3 ގައި މާލޭގައި މުޒާހަރާ ކުރުމަށާއި އަދި އެ މުޒާހަރާތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ފާސްކޮށްފަ އެވެ.

އެކަމާ ގުޅިގެން ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވަނީ އެމްޑީޕީން އުޅެނީ އެ ޕާޓީގެ ވެރިކަމުގައި ހިންގާފައިވާ ވައްކަންތައް ބަލަން އުޅޭތީ ގައުމު ހަލަބޮލިކުރަން ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީން ކުރި ވައްކަންތައް ހެއްކާއެކު އަރާ ހަމަކުރާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވަނީ ބިޑިއަކަށް އަދި އަނދަގޮނޑިއަކަށް ބިރުގަންނާނެ މީހުން އެމްޑީޕީއަކު ނުތިބޭނެ ކަމަށާއި އެފަދަ ކަންކަން ކުރުމުގެ ބާރައި އާރު ހުރި ވަގުތު އަވަހަށް ކުރުމަށް ގޮވާލާފަ އެވެ.

"ވަގުތު ޖެހެނީ ގައުމު ލޫޓުވުން ހުއްޓުވުމުގެ،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީން ގައުމީ މަޖިލީހުގެ ޖަލްސާ އަށް އެ ޕާޓީގެ މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިގު ހުށަހެޅި ގަރާރުގައި ބުނެފައިވަނީ މި ސަރުކާރުން ކުރަމުންދާ ވައްކަންތަކާއި، ކޮރަޕްޝަނާއި ފަސާދަ އާއި ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރަސްއެޅުމާއި، އަދުލު އިންސާފަށް އަތް ބޭނުމާއި ރައްޔިތުންގެ އާންމު ހާލަތު ދަށްވުމާއި އަދި މި ކަންކަމުގެ މައުލޫމާތު ފެތުރުމަށް އޮތް މީޑިއާ ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވަންޖެހޭ ކަމަށެވެ.

އެގޮތުން އަންނަ މަހުގެ ތިންވަނަ ދުވަހު މާލޭގައި މުޒާހަރާ ކުރުމަށް ވަނީ ހުށަހަޅާފަ އެވެ. އަދި ސަރުކާރު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކާމިޔާބު ވަންދެން އިހުތިޖާޖުތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ވެސް ގަރާރުގައިވެ އެވެ.

އެމްޑީޕީން މިއަހަރުގެ ކުރީކޮޅު ވަނީ "ގާނޫނުއަސާސީގެ ދިފާއު" ގައި މާލޭގައި ބޮޑު އެއްވުމެއް ވެސް ބާއްވާފަ އެވެ.

Ads by Ooredoo