ޚަބަރު

ވޭޕް ބޭނުންކުރި 30 މީހަކު ޖޫރިމަނާ؛ ޖުމްލަ 150،000 ރުފިޔާ ނަގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވޭޕް ބޭނުންކުރުމާއި ގެންގުޅުމުގެ މައްސަލަތަކުގައި ފާއިތުވި މަހު 30 މީހަކު ޖޫރިމަނާކޮށް، ޖުމްލަ 150،000 ރުފިޔާ ނަގާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

Ads by STELCO

ފުލުހުން ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި މަހު ވޭޕާ ގުޅުންހުރި 11 މައްސަލައެއް ރިޕޯޓުކުރެވިފައިވެއެވެ. މި މައްސަލަތަކުގެ ތެރޭގައި އިލެކްޓްރޯނިކް ވޭޕް ގެންގުޅުމުގެ 4 މައްސަލައާއި، ވޭޕް ބޭނުންކުރުމުގެ 4 މައްސަލައާއި، ވޭޕާ ގުޅޭ އެހެނިހެން 3 މައްސަލައެއް ހިމެނެއެވެ.

ޖޫރިމަނާކުރި 150،000 ރުފިޔާގެ ތެރޭގައި، ވޭޕް ގެންގުޅުނު 16 މައްސަލައެއްގައި 65،000 ރުފިޔާ ހިމެނޭއިރު، ވޭޕް ބޭނުންކުރި 14 މައްސަލައެއްގައި 85،000 ރުފިޔާ ނަގާފައިވެއެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުމާއި ވިއްކުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިސްލާހުގެނެސް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވެއެވެ. މި ޤާނޫނުގެ ދަށުން ވޭޕް އެތެރެކުރާ، ބޭނުންކުރާ އަދި ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅެމުން ދާކަމަށް ފުލުހުން ބުނެއެވެ.

އައު ޤާނޫނުގެ ދަށުން ވޭޕް ރާއްޖެއަށް އެތެރެކުރާ ފަރާތްތަކަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެއެވެ. މީގެ އިތުރުން، އެތެރެކުރާ ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ހާއްސަކޮށް ކުޑަކުދިންނަށް ވޭޕް ވިއްކުމާއި ހިލޭ ދިނުމުގެ މައްސަލަތަކުގައި ކަނޑައެޅިފައިވާ އާންމު ޖޫރިމަނާގެ އިތުރުން 50،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރާނެކަމަށް ޤާނޫނުގައި ބުނެފައިވެއެވެ. މިއީ ކުޑަކުދިން ވޭޕުން ރައްކާތެރިކުރުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅެކެވެ.

Ads by Ooredoo