އެސްޑީއެފްސީން ދޫކުރި ލޯނުތަކުގެ 41 ޕަސެންޓް ގަވާއިދުން ނުދައްކާކަން އޮޑިޓުން ފާހަގަކޮށްފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފައިވާ ލޯނުތަކުގެ ބޮޑު ބައެއް ގަވާއިދުން އަނބުރާ ނުލިބޭކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓަކުން ހާމަވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ އެދުމާ އެއްގޮތަށް 2019 އިން 2023 އަށް އެސްޑީއެފްސީގެ ކޮމްޕްލަޔަންސް އޮޑިޓް ހަދައި، މިދިޔަ މަހުގެ 31 ގައި އާންމުކުރި ރިޕޯޓުގައި ވަރަށް ކަންބޮޑުވާންޖެހޭ ކަންކަން ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުން ދައްކާގޮތުން 2023 ގެ ނިޔަލަށް އެސްޑީއެފްސީން 1،428 ފަރާތަކަށް ޖުމުލަ 1.574 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ. ނަމަވެސް މި ބޮޑު އަދަދުގެ ތެރެއިން 1.357 ބިލިއަން ރުފިޔާ އަދިވެސް ނުދައްކާ ބާކީ އޮތްކަން ރިޕޯޓުން ހާމަވެއެވެ. މިއީ ދޫކުރި ޖުމުލަ ލޯނުގެ 86 ޕަސެންޓަށް ވުރެ ގިނަ އަދަދެކެވެ.
ވޭތުވެދިޔަ އަހަރުގެ ނިޔަލަށް ލޯނަށް އަނބުރާ ދައްކަންޖެހޭ 554 މިލިއަން ރުފިޔާ ނަން-ޕާފޯމިން އެސެޓްގެ ގޮތުގައި ކަނޑައެޅިފައިވާކަން އޮޑިޓުން ފާހަގަކޮށްފައިވެއެވެ. މިއީ ގަވާއިދުން ފައިސާ ނުދައްކާ، ހޯދުމަށް ދަތިވެފައިވާ ލޯނުތަކެވެ. މީގެ އިތުރުން 878 މިލިއަން ރުފިޔާގެ ލޯނުތަކަށް މަހުންމަހަށް ދައްކަންޖެހޭ ފައިސާ ވަގުތަށް ނުދެއްކުމުގެ ސަބަބުން 151 މިލިއަން ރުފިޔާ ނުލިބި ހުރިކަން ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ތަފާތު ސަބަބުތަކާހުރެ ނުލިބޭނެކަމަށް ކަނޑައަޅައި ރައިޓްއޯފް ކުރި ލޯނުތަކުގެ އަދަދު ވެސް ބޮޑުކަން އޮޑިޓުން ދައްކައެވެ. އެގޮތުން 150 ލޯނަކަށް ދޫކުރި 107 މިލިއަން ރުފިޔާ ނުލިބޭނެކަމަށް ކަނޑައަޅާފައިވާއިރު، އިތުރު 35 ލޯނަކަށް ދޫކުރި 19 މިލިއަން ރުފިޔާ ގާނޫނީ ފިޔަވަޅު އެޅުމުގެ ކުރިން ރައިޓްއޯފް ކޮށްފައިވެއެވެ. ކޯޓުގައި ރަޖިސްޓްރީ ނުކޮށް ހުރި ނުވަ ލޯނަކަށް ދޫކުރި ފަސް މިލިއަން ރުފިޔާ އާއި ކޯޓުގައި މައްސަލަ ހިނގަމުންދާ 57 ލޯނަކަށް ދޫކުރި 49 މިލިއަން ރުފިޔާ ވެސް ހިމެނެއެވެ.
އޮޑިޓް ރިޕޯޓުގައި ވަރަށް މުހިންމު ނުކުތާއެއް ފާހަގަކޮށްފައިވަނީ، ލޯނު ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ލަސްވުމުން އެފަރާތްތަކަށް ފައިސާ ނުދެއްކުމަށް އިތުރު ހިތްވަރެއް ލިބޭކަމެވެ. ކުންފުނީގެ އުސޫލުތަކުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ނޭޅުމަކީ ލޯނު ހޯދުމުގެ މައްސަލަ އިތުރަށް ބޮޑުވުމަށް މަގުފަހިކުރާ ކަމެއްކަމަށް އޮޑިޓުން ދެކެއެވެ.
އެހެންނަމަވެސް، އެސްޑީއެފްސީގެ މާލީ ހާލަތު ރަނގަޅުވަމުންދާކަން ވެސް ރިޕޯޓުން ފާހަގަކޮށްފައިވެއެވެ. ކުރިން އަހަރުން އަހަރަށް ގެއްލުން ލިބެމުންދިޔަ ކުންފުނިން 2022 ވަނަ އަހަރުން ފެށިގެން ގެއްލުން ކުޑަވަމުން އައިސް، 2023 ވަނަ އަހަރު 45.21 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައިވާކަން އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މިއީ ކުންފުނީގެ އޮޕަރޭޝަންތައް ރަނގަޅުވަމުންދާކަމުގެ ހެއްކެއް ކަމުގައި ވިޔަސް، ލޯނު ހޯދުމުގެ މައްސަލަ ހައްލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން އެނގެއެވެ.