އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓް ބޮޑު ކުރަން ރައީސް ނިންމަވައިފި

އަންނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން، އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓް ބޮޑުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ނިންމަވައިފި އެވެ.
ރައީސް މިރޭ އެކްސްގައި ލިޔުއްވި ގޮތުގައި ރަށު ކައުންސިލްގެ ބަޖެޓުން އަންހެނުންގެ ކޮމިޓީތަކަށް ދެމުން ގެންދާ %5 ގެ ބަދަލުގައި %10 ބޮޑުކުރުމަށް ނިންމަވާފައިވެ އެވެ.
އަދި އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ދޭ ރޯދަ މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށް ވެސް ނިންމަވާފައިވެ އެވެ.
އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭ ގޮތް ހަމަޖެއްސީ މި ސަރުކާރުންނެވެ.
ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.
އެންމެ ފަހުން ކައުންސިލްތަކަށް ލިބޭ މާލީ މިނިވަންކަން ވަކި ހުދޫދެއްގެ ތެރޭގައި ބެހެއްޓުމަށް ބައެއް ވިޔަފާރިތައް ކުރުން މަނާކޮށް، ކައުންސިލްގެ ދައުރުގެ ފަހު އަހަރުގައި އާ މާލީ މުއާމަލާތް ސަރުކާރުގެ ހުއްދަ ނެތި ނުކުރެވޭ ގޮތް ވެސް ހަދައިފަ އެވެ.
ސަރުކާރުން ވަނީ ކައުންސިލަރުންގެ އަދަދު މަދުކޮށް، އަތޮޅު ކައުންސިލްތައް އުވާލުމަށް ވެސް ނިންމައިފަ އެވެ.