އިންޑިއާއަކީ އޮސްޓްރޭލިއާގެ އެންމެ މުހިންމު ދިފާއީ އަދި ސަލާމަތީ ބައިވެރިޔާ ކަމުގައި ވަނީ ކަނޑައަޅާފައި
އިންޑިއާއަކީ އޮސްޓްރޭލިއާގެ "އެންމެ އިސް ފަންތީގެ ދިފާއީ އަދި ސަލާމަތީ ބައިވެރިޔާ" ކަމުގައި އޮސްޓްރޭލިއާއިން ވަނީ ރަސްމީކޮށް ކަނޑައަޅާފައެވެ. މިގޮތުން އިންޑިއާ ކަނޑު ސަރަހައްދުގައި އިންޑިއާއިން އަދާކުރަމުންދާ މުހިންމު ދައުރަށް އޮސްޓްރޭލިއާއިން ވަނީ ތައުރީފުކޮށްފައެވެ. މި އިއުލާނު ކުރެވިފައިވަނީ ދެ ގައުމުގެ ދެމެދުގައި ދިފާއީ ގުޅުން ވަރުގަދަވަމުން އަންނަ ދަނޑިވަޅެއްގައެވެ.
2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރިއޯ ޑި ޖެނެއިރޯގައި ބޭއްވުނު ޖީ20 ސަމިޓުގައި، ދެވަނަ އިންޑިއާ-އޮސްޓްރޭލިއާ އަހަރީ ސަމިޓުގައި، ކަނޑުގެ ސަރަހައްދުގެ ހޭލުންތެރިކަން އިތުރުކުރުމަށާއި އޮޕަރޭޝަނަލް އެއްބާރުލުން ފުޅާކުރުމަށްޓަކައި ދިފާއީ މައުލޫމާތު ޙިއްސާކުރުން އިތުރުކުރުމަށް ދެ ގައުމުގެ ލީޑަރުން އެއްބަސްވިއެވެ. މި ބައްދަލުވުމުގެ މުހިންމު ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށް މެރިޓައިމް ސެކިއުރިޓީ ކޮލަބޮރޭޝަން ރޯޑްމެޕެއް އެކުލަވާލުމަށް ވަނީ އެއްބަސްވެފައެވެ.
ދިފާއީ އެއްބާރުލުން ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. 2014 ވަނަ އަހަރު އަހަރަކު 11 ހަރަކާތް ހިންގަމުން އައި އިރު، 2024 ގައި މި އަދަދު 33 އަށް އިތުރުވެފައިވެއެވެ. މީގެ ތެރޭގައި އަސްކަރީ މަޝްގުތަކާއި، މަޝްވަރާތަކާއި، މައުލޫމާތު ބަދަލުކުރުމާއި، މުވައްޒަފުންގެ ބައްދަލުވުންތަކާއި، ސައިންސާއި ޓެކްނޮލޮޖީގެ އެކި މުބާދަރާތައް ހިމެނެއެވެ.
2023 ވަނަ އަހަރަކީ ދެ ގައުމުގެ ގުޅުމުގައި ތާރީޚީ މުހިންމު އަހަރެކެވެ. އެއީ އިންޑިއާގެ ސަބްމެރިން އައިއެންއެސް ވަގިރު، އޮސްޓްރޭލިއާގެ ކަނޑުގެ ބޭސް އެޗްއެމްއޭއެސް ސްޓާލިންގ އަށް ފުރަތަމަ ފަހަރަށް ޒިޔާރަތްކުރި އަހަރެވެ.
މީގެއިތުރުން، 2025 ވަނަ އަހަރުގެ އޭޕްރިލް މަހު ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއާ ގުޅިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ އިންޑިއާގެ ލީޑަރޝިޕްއާއެކު ފޯނު ކޯލެއް ކުރައްވައި، މި ހަމަލާ ކުށްވެރިކުރައްވައި، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ބައިނަލްއަގުވާމީ މަސައްކަތުގައި އިންޑިއާއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން އަންގަވާފައެވެ.
