ޚަބަރު

މަޖިލީހުގެ ކުރީގެ މެންބަރުންގެ އިނާޔަތަށް 35 މިލިއަން ރުފިޔާ ހަރަދުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންގެ އުމުރުން 55 އަަހަރު ވުމުން ކޮންމެ މަހަކު ދައުލަތުން ދޭ އިނާޔަތުގެ ގޮތުގައި މިދިޔަ 10 އަހަރު 35 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

Ads by STELCO

ޖުބްރާން ޝަރީފް ކިޔާ މީހަކު މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޕެންޝަން އޮފީހުން ހޯދި މި މައުލޫމާތު ޓްވިޓާގައި ވަނީ ޕޯސްޓްކޮށްފަ އެވެ.

އޭނާ ޕޯސްޓްކޮށްފައިވާ މައުލޫމާތުތަކުން ފެންނަ ގޮތުގައި 2014 އިން 2024ގެ ނިޔަލަށް ކުރީގެ މެމްބަރުންގެ އިނާޔަތަށް ހަރަދުވީ:

  • 2014: ފަސް މެންބަރަކަށް 590،818ރ
  • 2015: ހަތް މެންބަރަކަށް 1،168،449ރ
  • 2016: އަށް މެންބަރަކަށް 1،446،919ރ

  • 2017: އަށް މެންބަރަކަށް 1،451،032ރ
  • 2018: އަށް މެންބަރަކަށް 1،453،500ރ
  • 2019: 21 މެންބަރަކަށް 2.9 މިލިއަން ރުފިޔާ
  • 2020: 23 މެންބަރަކަށް 4.2 މިލިއަން ރުފިޔާ
  • 2021: 24 މެންބަރަކަށް 3.9 މިލިއަން ރުފިޔާ
  • 2022: 27 މެންބަރަކަށް 4.5 މިލިއަން ރުފިޔާ
  • 2023: 37 މެންބަރަކަށް 5.5 މިލިއަން ރުފިޔާ
  • 2024: 59 މެންބަރަކަށް 7.7 މިލިއަން ރުފިޔާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކުގެ ގާނޫނު ބުނާ ގޮތުން މަޖިލީހުގެ މެންބަރުކަން އެންމެ ދައުރެއްގައި އަދާކޮށްފައިވާ ނަމަ ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދޭން ޖެހެނީ މުސާރައިގެ 30 ޕަސެންޓެވެ.

އެއް ދައުރަށް ވުރެ ގިނައިން މެންބަރުކަން އަދާކޮށްފައިވާނަމަ ހިދުމަތުގެ އިނާޔަތުގެ ގޮތުގައި މުސާރައިގެ 45 ޕަސެންޓް ދޭން ޖެހޭނެ ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކުގެ ގާނޫނުގައިވެ އެވެ.

މީގެ އިތުރުން ހެލްތު އިންޝުއަރެންސްގެ ގޮތުގައި އަހަރަކު 24,000 ރުފިޔާ ވެސް ކުރީގެ މެންބަރުންނަށް ލިބެ އެވެ. މި އިނާޔަތަށް މިދިޔަ 10 އަހަރު 18.9 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ.