ރަށްރަށުގެ މަގުތަކާއި އާންމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން އަގު ނަގަނީ

އަންނަ އަހަރުން ފެށިގެން އާންމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލުކުރަން ފަށަން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅިވީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، އަންނަ އަހަރުގެ ޖެނުއަރީއިން ފެށިގެން،ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގައި މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލް ތަކަށް ފެނަކައާއި ސްޓެލްކޯ އިން ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުން ކަމަށެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން މުނިސިޕަލް އެހެން ހިދުމަތްތަކަށް ހަރަދު ކުރަން ލިބޭ އަދަދު ބޮޑުވެގެންދާނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ސަރުކާރުގެ ބަޖެޓުން މިހާރުވެސް ބައެއް ދެމުންދާ އިރު އޭގެން އެކި ބިލުތަކަށް ފައިސާ ދެއްކުމަށް ފަހު އެހެން ކަންކަމަށް ހަރަދުކުރަން ފައިސާ ނުހުންނަ ވާހަކަ ކައުންސިލްތަކުން އަބަދުވެސް ދައްކަ އެވެ.
ހާއްސަކޮށް ބޮޑެތި ރަށްތަކުގައި ދިއްލަން ޖެހޭ ތަންތަން އިތުރުވުމުގެ ސަބަބުން ބިލަށް ހޭދަކުރަން ޖެހޭ ފައިސާ ވަކިން އިތުރެވެ.