ބިދޭސީންނަށް އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

ރާއްޖެ ގެނެސް ބޮދޭސީ މަސައްކަތްތެރިންނަށް އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ހޯމްލޭންޑް މިނިސްތްރީން ތައްޔާރުވެއްޖެ އެވެ.
އެ މިނިސްޓްރީ ބުނީ ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާލުވާ ފަރާތްތައް ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރާނެ ކަމަށެވެ. އެގޮތުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން، އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް އެ ފިޔަވަޅުތައް ތަންފީޒު ކުރަމުންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކައި ހަލާސް ކުރުމުން މެނުވީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދޭ ގޮތަށް ވެސް ވަނީ ނިންމައިފަ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 7-65 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ގެނައުމަށް ފަހު އެފަރާތާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތައް 50،000ރ. ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި 7-65 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ނުހިމެނޭ ކަންކަމުގައި، ގާނޫނުގެ 8-65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތިން 100،000ރ. ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ވެސް ޖޫރިމަނާ ކުރެވޭނެ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި މިނިސްޓްރީން އަންނަނީ ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް ވެސް "ކުރަނގި" ގެ ނަމުގައި ކުރިއަށް ގެންދާ އޮޕަރޭޝަނެއްގެ ތެރެއިން ކުރަމުންނެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެން ބިދޭސީންނަށް ގިނަ ފަހަރަށް މަޖުބޫރު ވަނީ އެ މީހުން ގެންނަ ފަރާތްތަކުން އިހުމާލުވުމުގެ މައްސަލަތަކ ހެދިކަން ފާހަގަކޮށްލެވެ އެވެ.
އެގޮތުން މުސާރަ ގަވައިދުން ނުދިނުން ފަދަ މައްސަލަތައް ބޮޑެވެ.