އިންޑިއާގެ ބޭރު ފައިސާގެ ރިޒާވް 694.2 ބިލިއަން ޑޮލަރަށް އަރައި، ރެކޯޑް ހައްދަކާ ކައިރިވެއްޖެ
އިންޑިއާގެ ރިޒާވް ބޭންކް (އާރްބީއައި) އިން ހާމަކުރި ގޮތުގައި އޯގަސްޓް 29 ގައި ނިމުނު ހަފްތާގައި އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވް 3.5 ބިލިއަން ޑޮލަރު އިތުރުވެ، 694.230 ބިލިއަން ޑޮލަރަށް އަރައިފިއެވެ. މިއީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރެކޯޑު ކުރެވުނު 704.89 ބިލިއަން ޑޮލަރާ ވަރަށް ކައިރި އަދަދެކެވެ.
ރިޒާވްގެ އެންމެ ބޮޑު ބައިކަމުގައިވާ ބޭރު ފައިސާގެ އެސެޓްތައް 1.7 ބިލިއަން ޑޮލަރު އިތުރުވެ 583.937 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ރަން ރިޒާވް 1.8 ބިލިއަން ޑޮލަރު އިތުރުވެ 86.769 ބިލިއަން ޑޮލަރަށް އަރައިފައިވެއެވެ. އާރްބީއައިގެ ގަވަރުނަރު ސަންޖޭ މަލްހޯޓްރާ ވިދާޅުވި ގޮތުގައި މިހާރުގެ ރިޒާވްއަކީ އެ ގައުމުގެ 11 މަސް ދުވަހުގެ އިމްޕޯޓަށް ފުދޭ މިންވަރެކެވެ.
2022 ވަނަ އަހަރު 71 ބިލިއަން ޑޮލަރުގެ ދަށްވުމަކަށްފަހު، 2023 ވަނަ އަހަރު އިންޑިއާގެ ރިޒާވްއަށް 58 ބިލިއަން ޑޮލަރު އިތުރުކުރެވުނެވެ. 2024 ވަނަ އަހަރު 20 ބިލިއަން ޑޮލަރު އިތުރުވެފައިވާއިރު، 2025 ވަނަ އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 53 ބިލިއަން ޑޮލަރު އިތުރުވެފައިވެއެވެ.
އެމެރިކާ ޑޮލަރު، ޔޫރޯ، ޔެން އަދި ޕައުންޑް ސްޓަރލިންގ ފަދަ އެސެޓްތަކުން އެކުލެވޭ ބޭރު ފައިސާގެ ރިޒާވް ބެލެހެއްޓުމުގައި އާރްބީއައިން ޚާއްސަ ސަމާލުކަމެއް ދެއެވެ. ރުފިޔާގެ އަގު މައްޗަށް ދާއިރު ޑޮލަރު ގަނެ، ދަށަށް ދާއިރު ވިއްކައިގެން ފައިސާގެ އަގު ހަމަހަމަކޮށް ބެލެހެއްޓުމަކީ މަރުކަޒީ ބޭންކުގެ މުހިންމު މަސައްކަތެކެވެ.