"ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، އެ ނަމާދު ޤަބޫލެއްނުކުރައްވާނެ"

ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، އެ ނަމާދު ޤަބޫލެއްނުކުރައްވާނެކަމަށް ހުކުރު ޙުތުބާގައި ވިދާޅުވެއެެވެ. މިއަދުގެ ހުކުރު ޙުތުބާގައި މައުޟޫއަކީ "ނަމާދުގައި ޚުޝޫޢަތްތެރިވުން" މެއެވެ.
ހުކުރު ޙުތުބާގައި ވިދާޅުވީ އީމާންވުމަށް ފަހު، އަޅާގެ މައްޗަށް އެންމެ މުހިންމު އަޅުކަމަކީ ނަމާދުކަމަށެވެ. ނަމާދަކީ ދީނުގެ ތަނބެވެ. ޤިޔާމަތްދުވަހު ހިސާބުބެއްލެވޭ ހިނދު، ޚުޝޫޢަތްތެރިކަމާއެކު ފުރިހަމައަށް ނަމާދު އަދާކޮށްފައި ހުރުން މުހިންމުކަމަށާއި އެއީ އެއާނުލައި، އެހެނިހެން ޢަމަލުތައް ޤަބޫލުވެވިގެންނުވާނޭ އަޅުކަމަކަށް ވާތީކަމަށް ޙުތުބާގައި ވިދާޅުވިއެވެ.
ޙުތުބާގައި ވިދާޅުވީ މުސްލިމުން، ފަރުޟު ފަސް ނަމާދު އަދާކުރުމަށްފަހު، ހުންނަން ޖެހޭނީ، ތާހިރުކަންމަތީ، ދެއްކުންތެރިކަމެއް ނެތި، މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު މާތް ﷲއަށް ހިތް ނިޔަތް ޚާލިޞްކޮށްގެންވާ ޙާލުގައިކަމަށެވެ. އަދި ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، މާތް ﷲ އެ ނަމާދު ޤަބޫލެއްނުކުރައްވާނެކަމަށް ޙުތުބާގައި ވިދާޅުވިއެވެ. ކާމިޔާބުވާނޭ ބަޔަކީ، ނަމާދުގައި ޚުޝޫޢަތްތެރިވެ ބިރުވެތިވާ މީހުންކަމަށް ޙުތުބާގައި ވިދާޅުވިއެވެ.
ނަމާދުކުރާންވީ ޚުޝޫޢަތްތެރިވެ ތިބެގެންކަމާއި، ފަރުވާކުޑަކޮށް، ޣާފިލުވެ ތިބެގެން ނަމާދުކުރާ މީހުންނަށް ދަރުމައެއް ނެތްކަމަށް ޙުތުބާގައި ވަނީ ވިދާޅުވެފައެވެ. އޭގެ ބަދަލުގައި އެ ފަދަ މީހުންނަށް ހުރީ ގެއްލުމާއި ހަލާކުކަމަށާއި އެހެންކަމުން ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޙުތުބާގައި ވިދާޅުވިއެވެ. ނަމާދުކުރާންވީ ގޮތަށް، ބިރުވެތިކަމާއި ޚުޝޫޢަތްތެރިކަމާއެކު އެ އަޅުކަން އަދާކުރާ މީހުންނަށް، އުޚުރަވީ ޙަޔާތުގައި ލިބޭނޭ ސަވާބާއި ދަރުމައިގެ އިތުރަށް، އެ މީހުންގެ ދުންޔަވީ ޢަމަލުތައް ވެސް ހެޔޮވެ، ޞާލިޙުވާނެކަމަށް ވަނީ ވިދާޅުވިއެވެ.
ހުކުރު ޙުތުބާގައި ވިދާޅުވީ ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތަކާ ދުރުހެލިވާނެ ކަމަށާއި އަދި ވައްކަމާއި، ރިޝްވަތާއި، މައިންބަފައިންނަށް އުރެދުމާއި، ބުހުތާނު ދޮގުހެދުން ފަދަ ފާޙިޝު ޢަމަލުތައް ނުކުރާނޭކަމަަށެވެ. ނަމަވެސް ނަމާދުކޮށް އުޅޭ މުސްލިމުންގެ ތެރޭގައި، މި ފަދަ ޢަމަލުތައް ކުރާމީހުން މަދެއްނޫންކަމަށާއި މިއީ އަމިއްލަ ނަފުސާ ސުވާލުކުރާން ޖެހޭނޭ ކަމެއްކަމަށް ޙުތުބާގައި ވިދާޅުވިއެވެ.
"ނަމާދަކީ ތިމާގެ ޙަޔާތުގައި އެންމެ އިސްކަންދޭ އަޅުކަންކަމުގައި ހަދާށެވެ. އެއީ ތިމާއަށް ވަގުތެއް ވީމާ ކޮށްލައި އުޅޭ ކަމަކަށްނަހަދާށެވެ! ނަމާދަކީ އެ އަޅުކަމަށް ވަގުތު ހުސްކޮށްގެން ކުރާހިތުން ގަޔާވެގެން އޭގެ ވަގުތުގައި އަދާކުރާ އަޅުކަމަކަށްހަދާށެވެ! ނަމާދަށް ހުންނަ އިރު، އެ ހުރެވެނީ ތިމާގެ ޚާލިޤުވަންތަ اللّٰهއާ މުނާޖާދަންނަވާންކަން ހަނދުމަކުރާށެ" ހުތުބާގައި ވިދާޅުވިއެވެ.
ހުކުރު ޙުތުބާގައި ވިދާޅުވީ ނަމާދުކުރުމުގައި ފޭރާން ކޮށިކޮށް، އިސްތަށިގަނޑު ރީތިކޮށް، މާގިނައިން ތަންތަން ނުކެހުމާއި ނަމާދުކުރާން ތިބޭ އެހެން މީހުންނަށް އުނދަގޫވާ ވަރަށް، ނަމާދުގައި ކިޔާ ތަކެތި އަޑުހަރުކޮށް ނުކިޔުމާއި ޖަމާޢަތުގެ ނަމާދުގައި އިމާމާ ފިޔަވައި، އަދި އާމީން ކިޔުން ފިޔަވައި ދެން ތިބި މީހުން، ނަމާދުގައި ކިޔާތަކެތި ކިޔާނީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފުސަށް އިވޭ ވަރަށް ސިއްރުންކަމަށް ވިދާޅުވިއެވެ.
ޙުތުބާގައި ވިދާޅުވީ ނަމާދަށް ފެށުމުގެ ކުރީން، މޯބައިލް ފޯނުތައް ނިންވާލުމަކީ ނަމާދުގައި ޚުޝޫޢަތްތެރިވުމަށް މިއަދު ކުރެވިދާނޭ ކަމެއްކަމަށާއި ނަމާދުގަޑީގައި މީހުންނާ ފޯނުން ނުގުޅުމަކީ ވެސް، ނަމާދަށް ތިބޭ މީހުން ޚުޝޫޢަތްތެރިވުމަށް ކޮށްދެވިދާނެކަމެއްކަމަށެވެ. މީގެ އިތުރުން ނަމާދަށް ތިއްބައި، ފޯނު ރަނގަބީލުވާ އަޑު އިވުމަކީ، ނަމާދަށް ތިބޭ މީހުންނަށް އުނދަގޫވާނެކަމެއްކަމަށް ވިދާޅުވިއެވެ. އަދި ނަމާދުކުރާ ތަނުގައި، ޤިބުލައާވީ ފަޅީގައި، ތަޞްވީރުތަކާއި ކުރެހުންތައް ހުންނަ ތަކެތި ބެހެއްޓުމަކީ ވެސް ނަމާދަށް ޚަލަލު އަންނާނޭ ކަމެއްކަމަށް ހުކުރު ޙުތުބާގައި ވިދާޅުވިއެ