ޚަބަރު

އޮސްޓްރޭލިއާއާއި ދިވެހިރާއްޖެ: ޒަމާންވީ ގުޅުމުގެ ތާރީޚީ ދަތުރު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އޮސްޓްރޭލިއާއަކީ ދިވެހިރާއްޖެއާއި ފެށުނީއްސުރެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. މި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ އެކި ދާއިރާތަކުން ކުރިއަރަމުން އައިސްފައިވާ، އަދި ދެ ގައުމަށް ވެސް ފައިދާކުރަނިވި ގުޅުމެކެވެ.

ތާރީޚީ ގޮތުން ބަލާއިރު، އޮސްޓްރޭލިއާއަކީ ދިވެހިރާއްޖެއަށް އެހީތެރިވެދީފައިވާ އެންމެ އިސް ގައުމުތަކުގެ ތެރެއިން ގައުމެކެވެ. ޚާއްސަކޮށް ތައުލީމީ ދާއިރާއިން ދިވެހި ދަރިންނަށް ލިބިފައިވާ ފުރުސަތުތަކާއި، އިގުތިސޯދީ އަދި އިޖްތިމާއީ ތަރައްގީއަށް ކޮށްދީފައިވާ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.

1980 އަދި 1990 ގެ އަހަރުތަކުން ފެށިގެން، އޮސްޓްރޭލިއާ ލީޑާޝިޕް އަދި އޮސްއެއިޑްގެ ދަށުން ދީފައިވާ މަތީ ތައުލީމުގެ ފުރުސަތުތަކުގެ ބޭނުން ހިފައި، އެތައް ދިވެހިންނެއް ވަނީ އެކި ދާއިރާތަކުން މަތީ ތަޢުލީމް ހާސިލްކޮށްފަ އެވެ.

މި ގޮތުން ސަރުކާރުގެ މަތީ މަގާމުތަކުގައާއި، އަމިއްލަ ވިޔަފާރިތައް ހިންގުމުގައާއި، އެކި ދާއިރާގެ އިލްމާއި ހުނަރު އުނގަންނައިދީ، ދިވެހިރާއްޖެއަށް ބިނާކުރަނިވި އަދި ފައިދާކުރަނިވި ހިދުމަތްތަކެއް ކުރުމުގައި އޮސްޓްރޭލިއާ ގްރެޖުއޭޓުން ދަނީ މަސައްކަތް ކުރަމުންނެވެ.

2023 ވަނަ އަހަރުން ފެށިގެން އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ދިވެހިރާއްޖޭގައި ގާއިމްކުރެވިގެން ދިޔުމަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމުގެ ހެއްކެކެވެ.

ދުނިޔޭގެ ސަލާމަތީ މަޝްރަޙަށް އަންނަމުންދާ ބަދަލުތަކާއި، ޑްރަގްސްއާއި، މޫސުމީ ބަދަލުތަކާއި، އަދި މިނޫން ވެސް ނުރައްކާތަކުގެ ސަބަބުން ސަރަހައްދީ ގައުމުތައް އެކުގައި މަސައްކަތްކުރުމަށް ވަނީ މަޖުބޫރުވެފައެވެ.

ރާއްޖެއަކީ ކުޑަ، އަދި ވަސީލަތުގެ ގޮތުން އެހާ ފޯރުންތެރި ޤައުމަކަށް ނުވާތީ، ބޭރުގެ ގައުމުތަކާއި ގުޅިގެން، ރާއްޖޭގެ ގައުމީ ސަލާމަތާއި ދިފާޢު ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ.

މިއަހަރުގެ ޖޫން މަހުގެ ތެރޭގައި، އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު އޮނަރަބަލް ރިޗާޑް މާލްސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އޮސްޓްރޭލިއާގެ ހިލޭ އެހީގެ ދަށުން ގާރޑިއަން ކްލާސްގެ ޕެޓްރޯލް ބޯޓެއް ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވާކަން އިއުލާންކުރެއްވިއެވެ.

މި ޕެޓްރޯލް ބޯޓަކީ ދިވެހިރާއްޖޭގެ މަސްކަނޑުތަކާއި، ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ލިބޭނެ ވަރަށް ބޮޑު އެހީއެކެވެ.

މީގެ އިތުރުން ވެސް ކުރިއަރާފައިވާ އަސްކަރިއްޔާތަކާ އެކު ތަފާތު އެކްސަސައިޒްތަކާއި، އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ސަބަބުން ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އަސްކަރީ ގާބިލްކަމާއި ހުނަރު އިތުރުވެ، ފެންވަރު މަތިވެގެންދާނެ އެވެ. މިފަދަ ގުޅުންތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ދަނީ ގިނަ ފައިދާތަކެއް ކުރަމުންނެވެ.

އޮސްޓްރޭލިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް މި ޒަމާންވީ ގުޅުމަކީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމުގެ ބަދަހި ގުޅުމެއްގެ ގޮތުގައި ދެމިއޮތުމާ އެކު، ކުރިމަގުގައި ވެސް އިތުރަށް ފުޅާވެގެންދާނެ ގުޅުމެއް ކަމުގައި ބެލެވެ އެވެ.

ގައުމުތައް ގުޅިގެން ޒަމާނާ އެއްގޮތަށް ސެކިއުރިޓީއަށް އަންނަ ބަދަލުތަކަށް ވިސްނައިގެން، ލީޑާޝިޕްގެ ދުރުވިސްނުމާއެކު ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިވެ، އެކި ވަސީލަތްތައް ހޯދައި، ގައުމުތަކާ ގުޅިގެން މަސައްކަތްކުރަމުން ގެންދިއުމަކީ މިއަދުގެ ޙާލަތުގައި ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެކެވެ.

Ads by Allied Insurance