ޚަބަރު

މީޑިއާ ބިލަކީ އާންމު ރައްޔިތުންގެ ސޯޝަލް މީޑިއާ ރެގިއުލޭޓްކުރާ ބިލެއް ނޫން: އުޝާމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަކީ މީޑިއާތަކާއި މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތައް ރެގިއުލޭޓްކުރުމަށް ކަނޑައަޅާފައިވާ ބިލެއްކަމަށާއި އެއީ ރައްޔިތުންގެ ސޯޝަލް މީޑިއާ ކޮންޓްރޯލްކުރާ ބިލެއް ނޫންކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ބަންޑާރަނައިބު މިހެން ވިދާޅުވެފައިމިވަނީ އިދިކޮޅު ފަރާތްތަކުން، މީޑިއާ ރެގިއުލޭޓްކުރާ ބިލަކީ ރައްޔިތުންނާއި ގުޅުންހުރި ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށްވެސް ހުރަސްއަޅާ ބިލެއްކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަށް 14 އިސްލާހެއް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅުއްވާފައިވާއިރު، މި ބިލަކީ އާންމުގެ ޚިޔާލު ފާޅުކުރުމަށްވެސް ހުރަސް އަޅާ ބިލެއްކަމަށް ބުނެ ދައްކާ ވާހަކަތަކާއި ގުޅިގެން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވީ، މިގޮތަށް ވާހަކަ ފަތުރަނީ ބިލުގައި އޮތް އެއްޗެއް ކިޔުމެއްނެތި ހަގީގަތް ނޭނގިކަމަށެވެ.

މިބިލަކީ ރައްޔިތުންގެ ސޯޝަލް މީޑިއާ ބޭނުންކުރުމަށް އެއްވެސް ހުރަހެއް އޮތް ބިލެއް ނޫންކަމަށާއި، މިބިލުގައި އޮތްގޮތުން ހުއްޓިގެންދާނީ ނޫސްވެރިންނާއި މީޑީއާތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް މީހުންގެ އަބުރު ކަތިލުމާއި ހަގީގަތާއި ޚިލާފު ވާހަކަތައް ފެތުރުންކަމަށް އޭޖީ ވިދާޅުވިއެވެ.

"މިބިލަކުން އަޅުގަނޑު ސޯޝަލް މީޑިއާގައި އެއްޗެއް ލިޔުނަސް އަޅުގަނޑަކަށް އަދި އަޅުގަނޑުގެ މަސައްކަތަކަށް ފިޔަވަޅެއް ނޭޅޭނެ. އެހެންނަމަވެސް ނޫސްވެރިންއެއްނަމަ އަދި ބްރޯޑްކާސްޓްކުރާ ފަރާތެއްނަމަ އެފަރާތަކަށް ފިޔަވަޅު އެޅޭނެ. އާންމު ރައްޔިތުންކުރާ އެއްވެސް ކަމަކަށް މީގެ ސަބަބުން އަސަރެއް ނުކުރާނެ. އަދި ފިޔަވަޅެއް އެޅޭގޮތަކަށް ނޫން މިބިލު އޮތީ މިއީ މީޑިއާ ރެގިއުލޭޓްކުރާ ބިލޭ. އެކަމަކު އެނޫން ގޮތަކަށް އެކަން ދައްކަންވެސް އެބަ ބައެއް ނޫސްވެރިން މަސައްކަތްކުރޭ" އޭޖީ ވިދާޅުވިއެވެ.

އޭޖީ ވިދާޅުވީ ބިލުގައި ހިމެނޭ ކަންކަން ހަގީގަތާއި ޚިލާފަށް ފަތުރަމުންދާ ފަރާތްތަކަށް ބިލުގައި އޮތް އެއްޗެއް ކަނޑައެޅިގެން އެނގޭނެކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މެދުގައި ހަގީގަތް އޮޅުވާލަން އެކުރާ މަސައްކަތަކީ އެއީ ހިތާމަހުރިކަމެއްކަމަށެވެ. ޤާނޫނު އަސާސީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދޭ ފަދައިން ކޮންމެ މީހެއްގެ އަބުރު ޙިމާޔަތްކުރުމުގެ ޙައްގުވެސް ޤާނޫނު އަސާސީން ލިބިދޭކަން އޭޖީ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މީޑިއާތަކުން މީހުންގެ އަބުރު ކަތިލުމަށް ލިޔާ ދޮގު ޚަބަރުތަކުގެ މައްސަލައަށް މިވީ ދިގު ތާރީޚުގައި ޙައްލެއް ލިބިފައި ނެތްކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިބިލާއެކު އެމައްސަލައަށް ޙައްލެއް އަންނާނެކަން އޭޖީ ފާހަގަކުރެއްވިއެވެ.

"މިހާރު އޮތް ބިލުގައި ތެދު މަޢުލޫމާތު ފެތުރުމުގެ މިންގަނޑެއް ބަޔާންކޮށްފައި އޮންނާނެ. އޭގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އޭގައި އަޅުގަނޑުމެން ހުށައަޅާފައި އޮންނާނެ ކަނޑައެޅިގެން ދޮގުކަން އެނގޭ ނުވަތަ އެއީ ދޮގަކަށްވެދާނެކަމުގެ ފުރުސަތު ބޮޑު މަޢުލޫމާތެއް މީޑިއާގެ އެއްވެސް ވަޞީލަތަކުން ހާމަކޮށްގެން ނުވާނެކަމަށް. ހަމައެއާއެކު މީޑިއާއަށް ލިބޭ މަޢުލޫމާތަކީ ތެދެއްތޯ ބެލުމަށް ފުރުސަތުއޮވެ އެކަން ކަށަވަރުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކޮށް، އެމަޢުލޫމާތުވެސް ހާމަކޮށްގެންނުވާނެ. ދޮގަކަށް ވެދާނެ ފަދަ މަޢުލޫމާތެއް ލިބާނަމަ ވަރަށް ސްޕެސިފިކްކޮށް ލިޔަންވާނެ މިއީ ތިމަންނަމެނަށް ވެރިފައި ކުރެވޭ މަޢުލޫމާތެއް ނޫންކަން" އޭޖީ ވިދާޅުވިއެވެ.

މީޑިއާތައް ރެގިއުލޭޓްކުރުމުގެ ބިލު ބޭރުކުރުމަށް ބައެއް ނޫސްވެރިން ގޮވަމުންދާއިރު ބިލު ބޭރުކުރަންޖެހޭ ސަބަބެއް އެފަރާތްތަކަށް ނުދެއްކޭކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. އަދި ބިލުގައި މައްސަލަ ހުރިކަމަށް ބުނެ ކަންބޮޑުވުންފާޅުކުރުމަށް ސޯޝަލް މީޑީއާގައި އެކި ވާހަކަތައް ފަތުރަމުންދާ ފަރާތްތަކުން މިހާތަނަށް އޭޖީގެ އޮފީހަށް އެކަމުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ހުށައަޅާފައިނުވާކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު އަދިވެސް ބިލު ޤާނޫނަކަށް ނުވާކަން ފާހަގަކުރައްވާ އަދިވެސް ކަންބޮޑުވުން ހުރި ކަންކަން ރަނގަޅުކުރުމަށް އެދި ހުށައެޅުމަށްވަނީ ބަންޑާރަނައިބު އެދިވަޑައިގެންނެވިއެވެ.

Ads by Allied Insurance