އައިއޭއީއޭގެ މެމްބަރަކަށް ވާން ރާއްޖެއިން ހުށަހެޅި އެޕްލިކޭޝަން ބަލައިގަންނަން ނިންމައިފި

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ މެންބަރު ގައުމަކަށްވުމަށް އެދި ރާއްޖެއިން ހުށަހެޅި އެޕްލިކޭޝަން ބަލައިގަތުމަށް އެ ޖަމިއްޔާއިން މިއަދު ފާސްކޮށްފިއެވެ.
އައިއޭއީއޭގެ ސިޔާސަތުތައް ކަނޑައަޅާ އެ އެޖެންސީގެ އެންމެ މަތީ ގުނަވަންކަމުގައިވާ ޖެނެރަލް ކޮންފަރެންސް އިން އެ ނިންމުން ނިންމީ މިއަދުން ފެށިގެން އަންނަ ހުކުރުގެ ނިޔަލަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ އެ ކޮންފަރެންސްގެ 69 ވަނަ އާންމު ބައްދަލުވުމުގައެވެ.
މިއީ އައިއޭއީގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ރާއްޖެއިން ފުރިހަމަކުރަންޖެހޭ ފުރަތަމަ ފިޔަވަޅެވެ.
އައިއޭއީއޭގެ ޖެނެރަލް ކޮންފަރެންސްގެ އެ ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އދ.ގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ.
އެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ސަލްމާ ވަނީ ތަރައްްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތި ވަމުންދާ ގޮންޖެހުންތައް ހިއްސާ ކުރައްވައި އެކަންކަމުން އަރައިގަތުމަށް ސައިންސްގެ ޒަރިއްޔާއިން ހައްލު ހޯދުމަށް، ބައިނަލްއަގުވާމީ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.
އެގޮތުން އެކަމަނާ ވަނީ އައިއޭއީއޭގެ މެންބަރުކަން ރާއްޖެއަށް ލިބުމަކީ ގައުމީ ފެންވަރުގައި ހާސިލުކުރެވޭ މުހިންމު ކުރިއެރުމެއް ކަމަށް ބަޔާންކުރައްވައި، އެކަމަކީ ދުނިޔޭގެ ސަލާމަތާއި ތަރައްގީ ކަށަވަރުކުރުމަށް ކުދި ގައުމުތަކުން އަދާކުރަމުންދާ ދައުރު ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
އޭގެ އިތުރުން ސަލްމާ ވަނީ ރާއްޖެއިން އައިއޭއީއޭ އާ ގުޅުމުން ސިއްހަތާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާތަކުގެ އިތުރުން މީހުން ބިނާކުރުމުގެ ދާއިރާއިން އެ އެޖެންސީގެ ފަންނީ އެހީ ހޯދުމަށް ފުރުސަތުތައް ހުޅުވިގެންދާނެކަން ވެސް ފާހަގަކުރައްވާފަ އެވެ.
ރާއްޖެއިން އައިއޭއީއޭގެ މެންބަރު ގައުމަކަށް ވުމަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ރާއްޖެއިން އައިއޭއީއޭގެ މެންބަރަކަށް ވުމަށް އެދި ހުށަހެޅި މަގުސަދުތަކުގެ ތެރޭގައި ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ނިއުކްލިއާ މެޑިސިން އަދި ރޭޑިއޭޝަން މެޑިސިން ފުޅާކޮށް ކުރިއަރުވައި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދުމަށް އެ އޭޖެންސީގެ އެހީ ހޯދުން ހިމެނެ އެވެ.
