ހިޔާލު ހޯދުމުގެ ބިލް ތަސްދީގުކޮށްފި

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓް ނެގުމުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ތަސްދީގުކުރައްވައިފި އެވެ.
މި ބިލުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އެންމެހާ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ.
މި ބިލުގައި ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުން އެ ކަމުގައި ދެކޭ ގޮތް ބެލުމަށް، މިފަދަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ނިންމިދާނެކަމަށް ބިލުގައިވެ އެވެ.
އަދި ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، ރައީސްއަށް ނިންމިދާނެ ކަމަށް ވަނީ ބިލުގައިވެ އެވެ.
މި ބިލުގައި ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި، ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރާނެ އުސޫލުތަކާއި، އެ ނޫނަސް އެ ވޯޓު ނެގުމާގުޅޭ އެންމެހައި އުސޫލުތައް ބިލުގައިވެ އެވެ.
ރައީސް މި ބިލު ތަސްދީގު ކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއު ކުރުމާއެކު، މި ގާނޫނަށް މިހާރު ވަނީ އަމަލުކުރަން ފަށައިފަ އެވެ.
