ޚަބަރު

ބްރޯޑްކޮމްގެ އެންގުމާ އެއްގޮތަށް ޗެނަލް 13ގެ ހިދުމަތް މެދުކަނޑާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ޗެނަލް 13އިން ބްރޯޑްކާސްޓް ކުރުމުގެ އުސޫލާ ހިލާފުވިކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަން(ބްރޯޑްކޮމް)އިން އެންގިގޮތަށް އެ ޗެނަލްއިން މިރޭ ހިދުމަތް މެދުކަނޑާލައިފި އެވެ.

Ads by STELCO

މިދިޔަ އޭޕްރީލް މަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދިން "ފްރަންޓް އޮފީސް" ޕްރޮގްރާމްގައި ބްރޯޑްކާސްޓު ކުރި ބައެއް ވާހަކައިގައި ސުލޫކީ މިންގަނޑާ ހިލާފު ބައެއް ވާހަކައް ހިމެނޭކަމަށް އެ މައްސަލަ ބެލުމަށް ފަހު ބްރޯޑްކޮމްއިން ބުންޏެވެ.

އެގޮތުން 13 އިން މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑުކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތަކުގައި ނުހިފަހައްޓައި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރަތްތައް ބޭނުންކޮށްފައިވާކަން ސާބިތުވާކަމަށާއި އެހެންވެ އެއްރޭ 08ކުން 10އަށް ޗެނަލް 13އިގެ ހިދުމަތް މެދުކަނޑާލަން އަންގަން ބްރޯޑްކޮމްއިން އޮތީ ފާސްކޮށްފަ އެވެ.

ޗެނަލް13އިން ބުނީ އެ ނިންމުމާ އެއްގޮތަށް މިރޭ 08އިން 10އަަކަށް ހިދުމަތް މެދުކަނޑާލައިފައިވާ ކަމަށެވެ.

ބްރޯޑްކޮމްއިން ބުނީ ޗެނަލް13އިން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތަކާ ޗެނަލް13 ހިލާފުވެގެން ތަފާތު ފިޔަވަޅުތައް އެޅި ނަމަވެސް އެކަންކަން ތަކުރާރުކުރަމުންދާ ކަމަށާއި އެކަންކަން އެގޮތަށް ކުރާނަމަ ލައިސަންސް ބާތިލުކުރަން ކޯޓަށް ހުށަހަޅައި ކޯޓުގެ ނިންމުމާ އެއްގޮތަށް ބާތިލުކުރެވިދާނެ ކަމަށެވެ.