ބުރަ މަސައްކަތުން ގެނައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްފި: ނަޝީދު

ބުރަ މަސައްކަތުން ގެނައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މީޑީއާ ބިލުން ހަނިކުރެވިގެން ގޮސްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" މަޖިލީހުން ރޭ ވަނީ ފާސްކޮށްފަ އެވެ. ދައުރުން ބޭރުގައި ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި މި ބިލު ފާސްކުރީ 60 މެމްބަރުންގެ ވޯޓާއެކު އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މިއީ ރާއްޖެއަށް ވަރަށް ހިތާމަވެރި ދުވަހެއް ކަމަށާއި މަޖިލީހުން ފާސްކުރި މީޑިއާ ބިލުން އެތައް ވޭނަކާއި، ދަތިކަމަކާއި އަދި އެކަނިވެރިކަމެއްގެ ތެރެއިން ހޯދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޮޑުތަނުން ހަނިކޮށްފައިވާ ކަމަށެވެ. މިކަމާ ދެކޮޅަށް ތެދުވެ އަޑުއުފުލަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުން މި ބިލު ފާސްކުރިއިރު، ބިލުގައި ކަންބޮޑުވުންތަކެއް ހުރި ކަމާއި ބިލު ދިރާސާކުރަން އިތުރަށް ވަގުތު ދިނުމަށް ކަމާގުޅޭ ގިނަ ފަރާތްތަކަކުން ދިޔައީ ގޮވާލަމުންނެވެ.
އަދި މި ބިލު ފާސްކުރަން އުޅޭތީ މިއަދު ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމުން ދިޔައީ މަޖިލިސް ދޮށުގައި މުޒާހަރާ ކުރަމުންނެވެ.
މި ބިލު ފާސްކޮށްފައިވަނީ ބައެއް އިސްލާހުތަކާއެކު އެވެ. ބަންޑާރަ ނައިބުގެ އޮފީހުން ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ. އޭގެތެރޭގައި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމުގެ އިސްލާހު ވެސް ހިމެނެ އެވެ.
މީޑިއާ ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.
