މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލު ތަސްދީޤުކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ޤާނޫނަކަށްވެ، އެ ޤާނޫނަށް މިއަދުން ފެށިގެންވަނީ ޢަމަލުކުރަން ފަށައިފައެވެ.
މި ބިލަކީ، 2025 ސެޕްޓެންބަރު 16 ގައި ދައުރުން ބޭރުން ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާ އިން ފާސްކުރައްވާފައިވާ ބިލެކެވެ. މި ޤާނޫނުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން އެކުލަވާލި ގާނޫނެކެވެ.
މިގާނޫނުގައި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފުކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދިގެންދާނެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް މީޑިއާ ކައުންސިލު" އުވުނީއެވެ. އަދި ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން" މި ޤާނޫނުގެ ދަށުން އުފައްދާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" އަށް ބަދަލުވީއެވެ.
ޤާނޫނުގައިވާ ގޮތުގެ މަތީން ކޮމިޝަން އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ 5 (ފަހެއް) މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
