ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅޭ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ

ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅޭ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފިއެވެ. އެސަރަޙައްދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރަނީ މިއަދުން ފެށިގެންނެވެ.
ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅޭ ޗެނަލް ސަރަޙައްދަކީ، ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަޙައްދެކެވެ. މީގެ އިތުރުން އެ ސަރަޙައްދަކީ އެޗްޑީސީން ތިމާވެށި ޙިމާޔަތްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގައި މުރަކަ އިންދާ އާލާކުރުމަށްވެސް ކަނޑައަޅާފައިވާ ސަރަޙައްދެކެވެ.
އެހެންކަމުން އެ ޗެނަލްގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުމަކީ މޫދަށް އެރި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމަކަށްވާތީއާއި އެ ސަރަޙައްދުގައި މުރަކަ އާލާކުރުމުގެ މަސައްކަތް ކުރުމަށް ރާވާފަވާތީ، މިއަދުން ފެށިގެން އެ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވެއެވެ.
2023ވަނަ އަހަރުވެސް އެޗްޑީސީން މިފަދަ އެންގުމެއް އެންގެވިއެވެ. އޭރު އަންގަވާފައިވަނީ އެ ޗެނަލްގައި ޖެޓްސްކީ ފިޔަވާ އިންޖީނުލީ އެއްވެސް އުޅަނދެއް ދުއްވުމަކީ މަނާކަމެއްކަމަށެވެ.
ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅައިދޭ ޗެނަލަކީ އޮއިދެމޭ ގޮތަށް ހަދާފައިވާ ތަނެކެވެ. މިތަނުގެ ފުން މިނުގައި 1.85 މީޓަރު އަދި ފުޅާމިނުގައި 50 މީޓަރު ހުރެއެވެ. މި ސަރަޙައްދަކީ މޫދަށްއެރުމާއި މަސްބޭނުމާއި އެކިކަހަލަ އެކްސްކަރޝަން ހަރަކާތްތަކަށް ބޭނުންކުރަމުންދާ ސަރަޙައްދެކެވެ.
