ޚަބަރު

ރެސިޑެންސް ވިސާއާ ގުޅޭ ޤާނޫނީ އޮނިގަނޑާއި ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރެސިޑެންސް ވިސާ ދިނުމާއި ގުޅޭ ޤާނޫނީ އޮނިގަނޑާއި ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއީ މި މަސައްކަތް ކުރިއަށްގެންދިޔުމަށް ބޭއްވުނު މިފަދަ ދެވަނަ މަޝްވަރާ ބައްދަލުވުމެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރެސިޑެންސް ވިސާއާ ގުޅޭ މިބައްދަލުވުންތައް މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައިވެސް ކަމާ ގުޅުންހުރި ފަރާތްތަކާއެކު ބާއްވާފައިވާކަމަށެވެ. އަދި ދެވަނަ ބުރުގެ ބައްދަލުވުންތަކުގައި ހެންލޭ އެންޑް ޕާރޓްނަރސްގެ އިތުރުން ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ ވުޒާރާއާއި ސަރުކާރުގެ އެހެން މުވައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރގެ ބައެއް ފަރާތްތަކުން ބައިވެރިވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މަޝްވަރާގެ މިމަރުޙަލާގައި ކުރިއަށްގެންދިޔައީ، ރާއްޖޭގައި ރެސިޑެންސް ވިސާ ދިނުމުގެ ޕްރޮގްރާމްގެ ޑިޒައިންކުރުމާއި ސިޔާސަތުތަކާއި އަދި މިކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމާއި ގުޅޭ މަޝްވަރާތައްކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ސަރވިސް އެގްރިމަންޓް ފޯރ އަ ރެސިޑެންސް ބައި އިންވެސްޓަމަންޓް ޕްރޮގްރާމް ކުރިއަށްގެންދިޔުމުގެ އެއްބަސްވުމުގައި ހެންލޭ އެންޑް ޕާރޓްނަރސްއާއެކު ދިވެހި ސަރުކާރުން އެއްބަސްވުން އެކުލަވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ބިޒްނަސް ފޯރަމްގައެވެ.

ރާއްޖޭގައި އިންވެސްޓަރ ރެސިޑެންސީ ވިސާ އަދި މިހާތަނަށް ދިނުމުގެ މަސައްކަތްކޮށްފައި ނުވިނަމަވެސް މިއީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ވަރަށް ފުޅާކޮށް ހިންގާ ޕްރޮގްރާމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިމަޝްރޫޢު ހިނގައިގަތުމުން 5 އަހަރުގެ ތެރޭގައި 6 ބިލިއަނާ ހަމައަށް ރާއްޖެއަށް އިންވެސްޓްމަންޓް ގެނެވޭނެކަމަށް ސަރުކާރުންވަނީ ކުރިން އަންދާޒާކުރައްވާފައެވެ.

Ads by HDC