3ގަޑިއިރު ތެރޭގައި މެރެތަން ފުރިހަމަކޮށް ކިނާނަތު ތާރީޚްގެ ތެރެއަށް

ދުނިޔޭގެ މޭޖަރ މެރެތަންގެ ތެރޭގައި ހިމެނޭ ބާލިން މެރެތަންގެ މިއަހަރުގެ ރޭހުގައި ވާދަކޮށް އައިލެންޑް ރަނަރސް މޯލްޑިވްސްގެ އެތުލީޓް ކިނާނަތު ޙުސައިން ފަޚުރުވެރި ކާމިޔާބެއް ހޯދައިފިއެވެ.
އިއްޔެ އޮތް މި ރޭހުގައި ކިނާނަތު ވަނީ 2 ގަޑިއިރާ 59 މިނެޓުން ފުލްމެރެތަން ނިންމައިފައެވެ. މިއާ އެކު އިންޓަރނޭޝަނަލް މެރެތަންއެއް 3ގަޑިއިރު ހަމަނުކޮށް ނިންމި ރާއްޖޭގެ 9ވަނަ އެތުލީޓްގެ ގޮތުގައި އޭނާ ވަނީ ރާއްޖޭގެ އެތުލެޓިކްސް ތާރީޚްގައި ހިމެނިފައެވެ.
މި ކާމިޔާބީއާ ގުޅޭ ގޮތުން ދެންއާ ވާހަކަ ދައްކަމުން ކިނާނަތު ބުނީ 28ޑިގްރީގައި ދުވަން ޖެހުމުން ވަރަށް ބޮޑަށް އުނދަގޫވެ ވަރުބަލިވި ކަމަށާއި ނަމަވެސް ޓަރގެޓް ކާމިޔާބުކުރެވުމުން އުފާކުރާކަމަށެވެ.
“މި ތަނުގައި ކުރިން ވެސް ދުވެފިން، އެކަމަކު މިއަދު ހަމަ ވަރަށް ހޫނު، ދެން 3 އަވަރސް ބްރޭކް ކުރެވުނީމަ ވަރަށް ހިތްހަމަ ޖެހޭ، އެކަމަށް ޓަކައި ކޯޗާއި ޓީމުގެ ހުރިހާ އެތުލީޓުން ދިން ހިތްވަރަށް ހަމަ ވަރަށް އުފާކުރަން’’ކިނާނަތު ބުންޏެވެ.
ކިނާނަތުގެ ކޯޗް ، ލެޖެންޑަރީ ދުވުންތެރިޔާ ނަސްރު ވެސް ވަނީ އޭނާގެ 100ވަނަ މެރެތަން މިއަދު ފުރިހަމަކޮށްފައެވެ. މީގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ގިޔާސް ވެސް ވަނީ ފުލްމެރެތަން ފުރިހަމަކޮށްފައެވެ.

ފުލްމެރެތަންގެ ތާރީޚް ދައްކާ ގޮތުން 3 ގަޑިއިރު ބްރޭކްކޮށް ފުލްމެރެތަން ފުރިހަމަ ކުރެވެނީ 4 ޕަސެންޓްގެ އެތުލީޓުންނަށެވެ. މި ކާމިޔާބު ހާސިލްކުރި ރާއްޖޭގެ 9 އެތުލީޓުންގެ ތެރެއިން 6 އެތުލީޓުން އެ ކާމިޔާބު ހޯދީ ކޯޗް ނަސްރުގެ އިރުޝާދުގެ ދަށުންނެވެ.
ސާބަސް ތާރިޚު ތެރެވާނަވީ ކީއްވެ ، ނަސްުރު ގެ އެތްލީޓެއް ވީމަ ތޯ؟