ޕާކިސްތާނުގެ ދިފާއީ ޚަރަދުތަކުގައި ހާމަކަން ބޮޑުކުރުމަށް އެމެރިކާއިން ގޮވާލައިފި
ޕާކިސްތާނުގެ މިލިޓަރީ އަދި އިންޓެލިޖެންސް ބަޖެޓުތައް ޕާލިމެންޓްރީ ނުވަތަ ސިވިލް އޮވަރސައިޓްގެ ދަށަށް ގެނައުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހުށަހަޅައިފިއެވެ. މި ހުށަހެޅުން ހިމެނިފައިވަނީ ހުކުރު ދުވަހު ޢާންމުކުރި 2025 ވަނަ އަހަރުގެ ފިސްކަލް ޓްރާންސްޕޭރަންސީ ރިޕޯޓުގައެވެ.
މި ރިޕޯޓުގައި ވަކިން ޚާއްޞަކޮށް ފާހަގަކޮށްފައިވަނީ ޕާކިސްތާނުގެ ދިފާއީ އަދި އިންޓެލިޖެންސް ޚަރަދުތަކުގައި އެކަށީގެންވާ ވަރަށް ޢާންމު ބެލުމެއް ނެތްކަމަށެވެ. އަދި މި ބަޖެޓުތައް ސިވިލިއަން އޮވަރސައިޓްގެ ދަށަށް ގެނައުމަށް ގޮވާލާފައިވެއެވެ. މީގެ އިތުރުން، އެގްޒެކެޓިވް ބަޖެޓް ހުށަހެޅުންތައް ވަގުތުން ޝާއިޢުކުރުމަށާއި، ސަރުކާރުގެ ދަރަނީގެ ޒިންމާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނިތަކުގައި ހާމަކަން އިތުރުކުރުމަށްވެސް ގޮވާލާފައިވެއެވެ.
މި ރިޕޯޓުގައި މި ކަންބޮޑުވުންތައް ފާހަގަކުރި ނަމަވެސް، ޕާކިސްތާނުގެ މާލީ މެނޭޖްމަންޓްގައި ހުރި އެތައް ރަނގަޅު ކަމެއްވެސް ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި ބަޖެޓް ލިޔެކިޔުންތައް ޢާންމުންނަށް ފަސޭހައިން ލިބެން ހުރުމާއި، އެ ލިޔެކިޔުންތަކަކީ އާންމުގޮތެއްގައި އިތުބާރުހުރި އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް މިނިވަން އޮޑިޓަކަށް ހުށަހެޅޭ ލިޔެކިޔުންތަކެއްކަން ހިމެނެއެވެ.
މި ހުށަހެޅުންތައް އައިސްފައިވަނީ ޕާކިސްތާނުން 2025-26 ގެ ބަޖެޓުގައި ދިފާއީ ކަންކަމަށް 2.55 ޓްރިލިއަން ރުޕީސް (ކުރީ އަހަރަށްވުރެ 20 އިންސައްތަ އިތުރު އަދަދެއް) ކަނޑައަޅާފައިވާ ދަނޑިވަޅެއްގައެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި މާލީ ހާމަކަން އިތުރުކުރުމަކީ ޢާންމުންގެ އިތުބާރާއި ބައިނަލްއަޤްވާމީ އިތުބާރު އިތުރުވާނެ ކަމެކެވެ.
2025 ވަނަ އަހަރުގެ ރިޕޯޓުގައި ދުނިޔޭގެ 140 ސަރުކާރެއްގެ މާލީ ހާމަކަން ވަޒަންކޮށްފައިވެއެވެ. މީގެ ތެރޭގައި ބަޖެޓް ޝާއިޢުކުރާ މުއްދަތުތަކާއި، ދަރަނި ހާމަކުރާ ގޮތްތަކާއި، އޮޑިޓްގެ މިނިވަންކަމާއި، ދިފާއީ އަދި އިންޓެލިޖެންސް ބަޖެޓުތަކުގެ ބެލެހެއްޓުން ހިމެނެއެވެ.