ދަރީންނަށްޓަކައި ވާރުތަކޮށްދޭން އޮތް އެންމެ އަގުހުރި ތަރިކައަކީ މާތްވެގެންވާ އިސްލާމްދީން: ރައީސް

އަޅުގަނޑުމެންގެ ދަރީންނަށްޓަކައި ވާރުތަކޮށްދޭން އޮތް އެންމެ އަގުހުރި ތަރިކައަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖެ އިސްލާމްވީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މީގެ 899 އަހަރު ކުރީން އިސްލާމްދީން ޤަބޫލުކުރުމުގައި ދިވެހީން ދައްކުވައިދިނީ، ކިޔަމަންތެރިކަމާއި ޞުލްޙަވެރިކަމާއި ބަދަހިކަމާއެކު އެންމެން އެކީ ހެޔޮގޮތް ޚިޔާރުކުރުމުގެ ރީތި ނަމޫނާ ކަމަށެވެ. އަދި އެދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް، ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަން މި ޤައުމުގައި ދެމިއޮތީ، ދިވެހިންނަކީ ޙައްޤުގެ މަގުގައި ތިބި އެއްބައިވަންތަ ބަޔަކަށް ވާތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހީންގެ އަމިއްލަވަންތަ ރީތި ސިފަތަކަކީ މާދަމާ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ދަރީންނަށްޓަކައި ވާރުތަކޮށްދޭން އޮތް އެންމެ އަގުހުރި ތަރިކަ ކަމަށެވެ. އެހެންވެ، މި އަގުހުރި ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަތިވެރި ނަޞީބު ހުރިހާ ޒަމާނެއްގައި ދިވެހީންނަށް ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާވަނީ ހެޔޮ ދުޢާ ކުރައްވާފައެވެ.
ދިވެހި ތާރީޚުން ފެންނަން އޮތް ގޮތުގައި އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަން ދިވެހި ޤައުމަށް ލިބުނީ ހިޖުރައިން 548ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153ވަނަ އަހަރުއެވެ. ތާރީޚުން އެނގެން އޮތް ގޮތުގައި ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ގެނެސްދެއްވުމުގައި މެދުވެރިއަކަށްވީ ބޭކަލަކީ މަޣުރިބުކަރައިން ވަޑައިގަތް ބޭކަލެއް ކަމަށްވާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީއެވެ.
އަދި ތާރީޚުން އެންގެން އޮންނަ ގޮތުގައި ރާއްޖެ އިސްލާމްވި ދުވަސް އެންމެ ފުރަތަމަ ރަސްމީގޮތުން ފާހަގަކުރެވުނީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގައި، ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައެވެ. އެއީ މީލާދީން 1374 ވަނަ އަހަރުއެވެ.
މިއަހަރަކީ ރާއްޖެ އިސްލާމްވީތާ 899 އަހަރު ފުރުނު އަހަރެވެ. އަންނަ އަހަރު 900 އަހަރު ފުރޭއިރު މި މުހިންމު މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް، މުޅި ރާއްޖޭގައި އިސްލާމީ އަދި ޤައުމީ ރޫޙު އާލާވާނެ، އަދި ރައްޔިތުންގެ ބަދަހިކަން އިތުރުކޮށްދޭނެ އެތައް ޙަރަކާތެއް ސަރުކާރުން ހިންގުމަށް ގަސްދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި މިއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަހެވެ.
