ބޭނުންވަނީ ހިދުމަތް ހޯދަން މާލެ އައުމުގެ އަޅުވެތިކަން ނިންމަން: ރައީސް

ސަރުކާރުން ބޭނުންވަނީ ބޮޑު އަގުގައި މާލެ ގޮސްގެން ޚިދުމަތްތައް ހޯދުމުގެ 'އަޅުވެތިކަން' ނިމުމަކަށް ގެންނަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތ. ވޭމަންޑުއަށް ވަޑައިގެން ރޭ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރައްޔިތުން ތިބި ތަނަށް އައިސް ޚިދުމަތްތައް ގާއިމްކުރަން ކަމަށާއި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރަނީ ވެސް އެ ސަބަބަށްޓަކައި ކަމަށެވެ. އަދި ރައްޔިތުން ބޭނުން ވަނީ ވެސް މިގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަބަދު ބޮޑުއަގުގަ މާލެއަށް ނުވަތަ އެހެން ދުރު ހިސާބަކަށް ގޮސްގެން ޚިދުމަތްހޯދަން، އެ 'އަޅުވެތިކަން' ނިމުމަކަށް ގެންނަން. ރައްޔިތުންނަށް ފަސޭހަކަން، ރައްޔިތުންނާ ހިސާބަށް ގެނެސްދޭން،" ރައީސް ވިދާޅުވި އެވެ.
ވޭމަންޑޫގެ ތަރައްޤީއަށްޓަކައި މުހިންމު ތިން މަޝްރޫޢެއްގައި ރޭ ރަސްމިއްޔާތުގައި ސޮއިކޮށްފައި ވާއިރު، މިމަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ވޭމަންޑޫ ބަނދަރު އަޕްގްރޭޑްކުރުގެ މަޝްރޫޢު، ބިން ހިއްކުމުގެ މަޝްރޫޢު އަދި ޒަމާނީ ފެންވަރަށް ރަށުގެ މަގުތައް ތަރައްޤީކުރުމަށް އެއްބަސްވެވުނު މަޝްރޫޢެވެ.
ރައީސް ވަނީ މިމަޝްރޫޢުތައް ކުރިއަށް ގެންދަވަން ގަސްތުކުރައްވާ ގޮތުގެ މަޢުލޫމާތު، ރައްޔިތުންނާ ހިއްސާކުރައްވައި، ހުއްޓުމެއްނެތި މަސައްކަތްތައް ކުރިއަށް ގެންގޮސް، ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.
މީގެއިތުރުން އިއްޔެ ފެށި އާރްޓީއެލް ފެރީގެ ޚިދުމަތަކީ މުޅި އަތޮޅަށް މުހިންމުވެފައި އޮތް ޚިދުމަތެއް ކަމަށާ، މަސައްކަތްކުރައްވަމުން ގެންދަވަނީ ވަޢުދުވެވަޑައިގެންފައި ވާ ގޮތަށް، ތަރައްޤީގެ ރާޑަރަށް ކޮޅުމަޑުލު އެރުވުމަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
