ހައި ކޯޓުގެ ފަނޑިޔާރުކަަމަށް މާހިރު އައްޔަން ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު އައްޔަނުކުރައްވައިފި އެވެ.
މާހިރު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވަނީ މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގަ އެވެ.
ހައިކޯޓުގެ ބެންޗުގައި ހުސްކޮށް އެއް މަގާމު އޮތް އިރު، އެ މަގާމަށް އައްޔަން ކުރަން ޖޭއެސްސީން ފުރަތަމަ ނިންމީ މުހައްމަދު ޝަހީދެވެ. އޭނާ ވަނީ ހުވައި ކުރުން އޮތް ދުވަހު ނަން އަނބުރައި ނަންގަވާފަ އެވެ.
މާހިރަކީ ފެމިލީ ކޯޓުގެ އިސްގާޒީގެ އިތުރުން، ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވާ ގާޒީންގެ ތެރެއިން އެންމެ ގިނަ ދުވަހު އެތަނުގައި މަސައްކަތް ކުރެއްވި ގާޒީއެވެ.
ގާޒީ މާހިރު ފަނޑިޔާރު ކަމުގެ މަގާމަށް އެންމެ ފުރަތަމަ ވަޑައިގަތީ 9 ނޮވެމްބަރު 2005 ގަ އެވެ. އެގޮތުން އެންމެ ފުރަތަމަ ހުންނެވީ މަދަނީ ކޯޓުގެ ގާޒީ ކަމުގެ މަގާމުގަ އެވެ. އޭގެފަހުން ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުވެފައިވަނީ 23 މޭ 2010 ގަ އެވެ. އަދި އެ ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަނު ކުރެއްވީ 2022 އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.