މޯލްޑިވިއަންގެ ދަތުރުތައް އަންނަ އަހަރު ދެކުނު ކޮރެއާއަށް ފަށަނީ

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ދަތުރުތައް ދެކުނު ކޮރެއާއަށް ފަށަން ތައްޔާރުވެއްޖެއެވެ. މޯލްޑިވިއަނުން ވަނީ ދެކުނު ކޮރެއާގައި ސޭލްސް އެޖެންޓެއް ހޯދުމަށްވެސް އިއުލާންކޮށްފައެވެ.
މޯލްޑިވިއަނުން ކުރި އިއުލާނެއްގައި ވަނީ ދެކުނު ކޮރެއާގައި ޖެނެރަލް ޕެސެންޖަރ ސޭލްސް އެޖެންޓެއް ހޯދުމަށް ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުށައެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ދެކުނު ކޮރެއާއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އެ ކުންފުނިން ގެންގުޅޭ ބައިނަލްއަޤްވާމީ އޮޕަރޭޝަންސްތައް ފުޅާކުރުމުގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުންކަމަށް އެ އެއަރލައިނުން ވިދާޅުވިއެވެ. އެ ކުންފުނީގެ އަމާޒަކީ ދުނިޔޭގެ ވީހާވެސް ގިނަ މަންޒިލްތަކަކަށް ޚިދުމަތް ފުޅާކުރުމެވެ.
ސޭލްސް އެޖެންޓެއްގެ ގޮތުގައި ހޮވޭ ފަރާތުގެ ޒިންމާތަކުގެ ތެރޭގައި ދެކުނު ކޮރެއާގައި މޯލްޑިވިއަންގެ ޚިދުމަތްތައް އިޝްތިހާރުކޮށް މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. އެގޮތުން ދެކުނު ކޮރެއާއަށް މޯލްޑިވިއަންގެ ދަތުރުތައް އޮންނަ ދުވަސްތަކާއި ޓިކެޓްގެ އަގުތައް ބުނެދިނުމާއި ކަސްޓަމަރުން ހޯދުން ހިމެނެއެވެ. އަދި ކަސްޓަމަރުންނާއި ރަނގަޅު ގުޅުމެއް އުފެއްދަންޖެހެއެވެ.
މޯލްޑިވިއަނުން މަސައްކަތްކުރަމުންދަނީ އެ އެއަރލައިންގެ ދަތުރުތައް ދެކުނު ކޮރެއާއަށް އަންނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ފެށުމަށެވެ. މޯލްޑިވިއަންގެ ޚިދުމަތައް މިއަހަރުގެ ތެރޭގައި ވަނީ މުޅިން އަލަށް ވައިޑް ބޮޑީ މަތިންދާބޯޓު ގެނެސްފައެވެ. އަދި އިތުރު ވައިޑް ބޮޑީ މަތިންދާބޯޓުތައް ގެނައުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.