ފަސް ދުވަސްތެރޭ ގަވާއިދާ ހިލާފު 108 ބިދޭސީއަކު އަތުލައިގެންފި

ފަސް ދުވަސްތެރޭ ގަވާއިދާ ހިލާފަށް އުޅުނު 108 ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގުރައިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނުގައި ފާއިތުވި ފަސް ދުވަހުގެ ތެރޭގައި 474 ވިޔަފާރިއެއް ޗެކްކޮށްފައިވާ ކަމަށާއި 959 ބިދޭސީއެއްގެ ތަފްސީލުތައް ބަލައި ގަވާއިދާ ހިލާފަށް އުޅޭ 108 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ފަސް ދުވަހުގެ ތެރޭގައި 108 ބިދޭސީން މިހާރު ވަނީ ހައްޔަރުކުރެވިފައި. އެމީހުން ޑިޕޯޓު ކުރުމުގެ މަސައްކަތް މިހާރު އެދަނީ ކުރިއަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ މަސައްކަތުގެ ތެރެއަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވަދެގެން، އިގްތިސާދީ ކަންކަން ހަލާކުވެގެންދާން ބޭނުން ނުވާ ކަމަށެވެ. އެގޮތުން އިއްޔެގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅުނު 340 ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އަދި ބޮޑެތި އިމާރާތްތައް އެޅުމުގެ އިތުރަށް މިހެން ހުންނަ ބޮޑެތި މައްސަލަތައް ވެސް ސަރުކާރުން އަންނަނީ ހައްލުކުރަމުން ކަމަށާއި އެ ކަންކަން ކުރުމުގައި ސަރުކާރު ފަހަތަށް ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
