ހަތަރު އަތޮޅަށް ކުރި ދަތުރުން ރައްޔިތުން ބޭނުންވާ ކަންކަން ތަފްސީލުކޮށް އެނގިއްޖެ: ރައީސް

4 އަތޮޅަކަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަން ވަރަށް ތަފްސީލްގޮތެއްގައި އެނގިގެން ހިނގައްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ވ، މ، ފ، އަދި ތ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ޢުމްރާނީ ތަރައްޤީގެ ޖުމްލަ 124 މަޝްރޫއުއަކާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވ.އަތޮޅުގެ 5 ރަށް، ފ.އަތޮޅުގެ 5 ރަށް، މ.އަތޮޅުގެ 8 ރަށް އަދި ތ.އަތޮޅުގެ 13 ރަށަކަށް ވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަނެ، ރަށްރަށުގެ ތަރައްޤީއަށް މަސައްކަތްތައް ރޭވުމަށްކަމަށެވެ. އެކަން މި ދަތުރުފުޅުގައި ވަރަށް ރަނގަޅަށް ޙާސިލްވިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މި ދަތުރުގެެތެރެއިން ޖުމްލަ 124 މަޝްރޫޢުއަކާ ގުޅޭ ކަންކަން ކުރިއަށްގެންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.
މަޝްރޫއުތަކުގެ ތަފްސީލްތައް ޙިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ޖުމްލަ 60 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވާކަމަށާއި 40 މަޝްރޫޢުއެއް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ. އަދި 24 މަޝްރޫޢެއްގެ މަސައްކަތް ނިންމާ ޚިދުމަތް ދޭން ފަށާފައިވާކަމަށާއި ވަކިވަކި އަތޮޅުތަކަށް ބަލާއިރު ވ.އަތޮޅުގައި 5 މަޝްރޫޢުގެ މަސައްކަތް ފެށި، 4 މަޝްރޫޢުގެ ނިމުން ފާހަގަކޮށްފައިވާކަމަށާއި އަދި 4 އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.
ފ. އަތޮޅުގައި 13 މަޝްރޫއުއެއް މުޅިން އަލަށް ފަށާފަވާއިރު، 6 މަޝްރޫޢުގެ ނިމުން ފާހަގަކޮށްފަވެއެވެ. އަދި 10 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މ. އަތޮޅުގައި 13 މަޝްރޫޢެއް އަލަށް ފަށާފަވާއިރު، 2 މަޝްރޫޢެއްގެ ނިމުން ފާހަގަކޮށްފައިވެއެވެ. އަދި 6 މަޝްރޫޢެއާގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
ތ. އަތޮޅުގެ 13 ރަށަށް ވަޑައިގެންނެވިއިރު، 29 މަޝްރޫޢެއާގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި 12 މަޝްރޫޢެއްގެ މަސައްކަތުގެ ނިމުން ފާހަގަކޮށްފަވެއެވެ. މުޅިން އަލަށް 20 މަޝްރޫޢެއްގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މި 4 އަތޮޅުގެ ހުރިހާ ރަށެއްގައި ވަނީ އޭޓިއެމްގެ ޚިދުމަތްވެސް ޤާއިމްކޮށް ނިންމަވާފައެވެ.
