ރައީސްގެ އަމާޒަކީ ކޮރަޕްޝަން ފްރީ ގައުމަކަށް ރާއްޖެ ހެދުން: ޝުޖާއު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ކޮރަޕްޝަން ފްރީ ގައުމަކަށް ރާއްޖެ ހެދުން ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ރޭ ވާހަކަދައްކަމުން ޝުޖާއު ވިދާޅުވީ ރާއްޖޭގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި ކޮރަޕްޝަން ފްރީ ގައުމެއްގެ ގޮތުގައި ރާއްޖެ ހިންގުމަށްޓަކާ ރައީސް ގެންގުޅުއްވާ ތަސައްވުރު ވަރަށް ފުޅާ ގޮތެއްގައި ރައްޔިތުންނަށް ހާމަކޮށްދެއްވަމުންދާ ކަމަށެވެ. އެގޮތުން ކުރެވޭ އެއް މަސައްކަތަކީ އެސެޓް ރިކަވަރީ ގާނޫނެއްގެ މަސައްކަތް ކަމަށާއި މިހާރު ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވި ނަމަވެސް އެ ފައިސާ އަނބުރާ ރިކަވާ ކުރެވޭތަން ނުފެންނަ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"ރައީސް ގަބޫލުފުޅުކުރައްވާ ގޮތުގައި ރައްޔިތުންގެ ފައިސާ ރިކަވާ ކުރެވޭނެ މެކޭނިޒަމެއް އޮންނަން ޖެހޭނެ ގާނޫނީ ނިޒާމުގެ ތެރެއިން. އެ ބަދަލު ގެންނާނެ، އެ ތަފާތު ފެނިގެންދާނެ،" ޝުޖާއު ވިދާޅުވި އެވެ.
ރައްޔިތުންނަށް ހިދުމަތް ކުރަން ތިބޭ ބޭފުޅުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކާ ބޮޑެތި ބަދަލުތައް ގެންނަން ބޭނުންވާ ކަމަށާއި އެގޮތުން މަޖިލީހުގެ މެމްބަރުންގެ އިތުރުން ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންތައް ވެސް އާންމުވާންޖެހޭނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި ނުހައްގު މުއްސަނދިކަން ސަރުކާރުގެ ވެރިން ފަހަނައަޅައި، ރައްޔިތުންނާ ހަމައަށްވެސް ދާންޖެހޭނެ ކަމަށާއި ރައްޔިތުންނަށް ވެސް ލިބޭ އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ލިބިގެން އުޅޭނަމަ އެކަމެއް ބެލެންޖެހޭނެ ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.
"އެއީ ކޮރަޕްޝަނަށް ހުޅުވޭ ދޮރުތައް ބަންދުކުރުމަށް އެޅޭ ފިޔަވަޅުތައް. އެކަން 20 ވަނަ މަޖިލީހުން ކުރާނެ،" ޝުޖާއު ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގައުމު އޮތީ ފިތްކަނޑައިގެންދާ ވަރުގެ ހާލަތުގައި ކަމަށާއި ރައްޔިތުންގެ ހައްގުގައި މި ބަދަލުތައް ނިޒާމަށް ގެންނަން ރައީސް މުއިއްޒަށް މަޖުބޫރު ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.
