ފެނަކަ ޚިޔާނާތް: ސައީދަށް ގޯސްވީ އޮޑިޓް ރިޕޯޓް

ފެނަކަ ކޯޕަރޭޝަނުގެ ތެރޭގައި ހިންގާފައި ހިޔާނާތުގެ ބޮޑެތި މައްސަލަތަލެއް އޮޑިޓް ރިޕޯޓެއްގައި ފާހަގަކޮށްފައި ވަނިކޮށް، ކުންފުނީގެ ހުރިހާ ކަމެއް ކޮށްފައި ހުންނާނީ އުސޫލުގެ ތެރެއިން ކަމަށް ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮޑިޓް އޮފީހުން ނެރުނު ފެނަކައިގެ އޮޑިޓް ރިޕޯޓުގައި އެ ކުންފުނިން ހިންގާފައިވާ ހިޔާނާތުގެ އެތައް އަމަލެއް އަދި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ އެތައް އެއްބަސްވުމެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން 2021-2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށް، އގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލާ ކަމަށް ބުނެފައިވެ އެވެ.
އެފަދަ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އޮޑިޓް ރިޕޯޓްފައިވާ މިފަދަ ކަންކަމަށް ރައްދު ދެއްވައި ސައީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ކުންފުނީގެ އެންމެ އިސްވެރިޔާގެ ގޮތުގައު އޭނަ ހުންނެވި ފަސް އަހަރުގެ މުއްދަތުގައި ފެނަކައޮހެ ޕްރޮކިއުމަންޓު ހުރިހާ ކަމެއް ކުރީ އުސޫލާއި ގަވާއިދުތަކުގެ ތެރެއިން ކުންފުނީގެ ބޯޑުން ހެދި އިދާރީ އޮނިގަނޑުގެ ތެރެއިން ކަމަށެވެ.
"މި ދެންނެވި ގޮތާއި ހިލާފަށް އެއްވެސް ބަޔަކަށް މުދަލެއް، ހިދުމަތެއް، ކޮންޓްރެކްޓެއް އަދި ޕްރޮޖެކްޓެއް ވިޔަސް ދީފައެއް ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެން." ސައީދު ވިދާޅު އެވެ.
އޭނަ ވިދާޅުވީ މަގާމުގައި ހުންނެވި މުއްދަތުގައި އަމިއްލަ ބޭނުމަށް ދައުލަތުގެ އެއްވެސް ފައިސާއެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި ވިދާޅުވެ ސިޔާސީ ކުލަ ނުޖެހި ފެނަކައިގެ މައްސަލަތައް ބެލުމަށް މިނިވަން މުއައްސަސާތަކަށް ގޮވައި ވެސް ލައްވާ ކަމަށެވެ.
ނަމަވެސް އޮޑިޓް ރިޕޯޓްގައި ސައީދާ އާއިލީ ގޮތުން ގުޅުން ހުރި ތިން ކުންފުންޏަކާއެކު ގިނަ އެއްބަސްވުންތަކެއް ހަދައި އެތައް މިލިއަން ރުފިޔާއެއް ދޫކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި އޭނަގެ ދެ ޅިޔަނެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ދެ ކުންފުންޏަކާއި ސައީދުގެ ޅިޔަނެއްގެ ދަރީގެ ނަމުގައި ހަދާފައިވާ ކުންފުންޏެެއް ވެސް ހިމެނެ އެވެ.
އެގޮތުން ތިން ކުންފުންޏާއެކު ފެނަކައިން 92 އެއްބަސްވުމެއް ހަދާފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
އެ އެއްބަސްވުންތަކުގެ ޖުމްލަ އަގު 49.8 މިލިއަން ރުފިޔާއަށް އަރާއިރު، މިދިޔަ އަހަރުގެ ނިޔަލަށް އެ ތިން ކުންފުންޏަށް ދޫކޮށްފައިވާ ފައިސާގެ އަދަދު 31,124,418ރ. އަށް އަރަ އެވެ.
ފެނަކައިގެ ހިޔާނާތްތަކުގެ ތެރެއިން ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓެއް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި އެ ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ބުނާ މައްސަލައިގައި ސައީދުގެ މައްޗަށް ދައުވާ ކުރަން މިހާރު އޮތީ ފޮނުވައިފަ އެވެ.
އެންޓި-ކޮރަލްޝަން ކޮމިޝަން (އޭސީސީ) އިން ކުރިން ބުނެފައިވާ ގޮތުގައި ފެނަކައާ ގުޅޭ ސީރިއަސް މައްސަލަތަކެއް ބަލަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ސައީދުއާ ގުޅޭ ހަ މައްސަލައެއް ހިމެނޭ ކަމަށެވެ.
އެ މައްސަލަތަކުގައި ސައީދުގެ ޕާސްޕޯޓު ވެސް އޮތީ ހިފަހައްޓައިފަ އެވެ.
