ޚަބަރު

މީޑިއާ ކޮމިޝަން އިންތިޚާބު: ވޯޓުލެވޭ 353 މީޑިއާ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބޭ މީޑިއާތަކުގެ މައުލޫމާތު އާންމުކޮށްފިއެވެ.

މީޑިއާ ކޮމިޝަން އިންތިޚާބު ބާއްވަނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އެ ކޮމިޝަނުން މިހާރު ވަނީ މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ލިސްޓުގައިވާގޮތުން އަންނަ މަހުގެ 11ވަނަ ދުވަހު ބާއްވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އިންތިޚާބުގައި 353 މީޑީއާއަކަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. އެއީ 18 ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ 335 މީޑިއާއެވެ.

އިންތިޚާބުގައި ވޯޓުލެވޭނީ ކޮންމެ މީޑިއާއަކުންވެސް ކަނޑައަޅާ އެއް މަންދޫބަކަށެވެ. ވޯޓުލުން ކުރިއަށްދާނީ ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތައް ވަކިންނެވެ.

ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީޑިއާތަކުގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާއިރު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން، ހޯމަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާހު ސަޢީދު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ޝަކުވާ ހުށަހެޅުމަށް ކުރު މުއްދަތެއް ދޭން ޖެހުނީ ޤާނޫނު ތަސްދީގުކުރެއްވުމާއެކު 30 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާތީ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާވަލާއެއްގޮތަށް ދެވެން އޮތް އެންމެ ދިގު މުއްދަތެއް ދެއްވަމުންދާ ކަމަށްވެސް ވިޝާހު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޤާނޫނު ތަސްދީގުކުރެއްވީ 18 ސެޕްޓެމްބަރުގައި. އެހެންކަމުން 17 އޮކްޓޯބަރަށް އަޅުގަނޑުމެން އެބަޖެހޭ އިންތިޚާބު ބާއްވައި ނިންމަން. މިހާރު މީޑިއާތަކުގެ މެދުގައި އިންތިޚާބު ބާއްވާއިރު ދެވަނަ ބުރަކަށް ދާންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ދެވަނަ ބުރެއް ބާއްވަން މުއްދަތެއް ހިމަނައިގެން އަޅުގަނޑުމެން ޝެޑިއުލް ހަދާފައިވަނީ. އަޅުގަނޑުމެން ޝަކުވާއަށް މި ދެނީ މި މުއްދަތުގެ ތެރޭގައި ދެވެން އޮތް އެންމެ ދިގު މުއްދަތެއް." ވިޝާހު ވިދާޅުވިއެވެ.

ވިޝާހު ވިދާޅުވީ މުއްދަތު ކުޑަވުމުގެ ސަބަބުން އެކަމަށް ޚާއްސަ ސަމާލުކަމެއް މީޑިއާތަކުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މީޑިއާ ކޮމިޝަނަށް ކުރިމަތިލައްވާ ފަރާތްތަކުންވެސް ވީހާވެސް އަވަހަށް ރެކޯޑު ސާުފުކޮށް، ދައުލަތުގެ އެކި މުއައްސަސާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދައި، ފޯމު ހުށަހެޅުމަށްވެސް އޭނާ އެދިވަޑައިގެންނެންވިއެވެ.

މީޑިއާ ކޮމިޝަންގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 2:00އާ ހަމައަށެވެ. މީޑިއާ ކޮމިޝަނަށް އިންތިޚާބު ކުރާ 4 މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ ބްރޯޑްކާސްޓަރުންގެ ތެރެއިން އިންތިޚާބު ކުރާ ދެ މެންބަރުންނެވެ. އަދި ބާކީ ދެ މެންބަރުން އިންތިޚާބު ކުރާނީ އެހެނިހެން މީޑިއާތަކުގެ ތެރެއިންނެވެ.

Ads by Ooredoo