ޚަބަރު

ފެނަކައިގެ އޮޑިޓް ރިޕޯޓަކީ ސިޔާސީ ބޭނުމެއްގައި ނެރުނު ރިޕޯޓެއް: އެމްޑީޕީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް / ފޮޓޯ:އެމްޑީޕީ

ނިމިގެން ދިޔަ ސަރުކާރުގެ ދުވަސްވަރު ފެނަކައިގެ ކަންކަން ހުރިގޮތް ބަލައި އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓަކީ ސިޔާސީ ބޭނުމެއްގައި ނެރުނު ރިޕޯޓެއް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

Ads by STELCO

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮޑިޓް އޮފީހުން ނެރުނު ފެނަކައިގެ އޮޑިޓް ރިޕޯޓުގައި އެ ކުންފުނިން ހިންގާފައިވާ ހިޔާނާތުގެ އެތައް އަމަލެއް އަދި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ އެތައް އެއްބަސްވުމެއް ފާހަގަކޮށްފައިވެ އެވެ.

އެ ގޮތުން 2021-2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށް، އގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލާ ކަމަށް ބުނެފައިވެ އެވެ.

އެ ރިޕޯޓްގައިވާ ކަންކަން ފެނަކަ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ދޮގުކުރައްވާފައިވާ އިރު އެމްޑީޕީން ވެސް ވަނީ އެ މޭރުމުން ކަންކަން ފާހަގަކޮށް މިއަދު ބަޔާނެއް ނެރެފަ އެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެ ރިޕޯޓަކީ ރޭގަނޑު ދަންވަރުގެ ވަގުތެއްގައި މިނިވަން މުއައްސަސާއެއްގެ އޮފީސް ހުޅުވައިގެން ސިޔާސީ ބަޔަކު ލިޔެފައިވާ އޮޑިޓު ރިޕޯޓެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޝާއިއުކުރި ރިޕޯޓެއް ކަމަށެވެ.

އެހެންވެ އެ ރިޕޯޓް ކުށްވެރިކޮށް އެމްޑީޕީން މިއަދު ބުނީ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ސައްހަ މައުލޫމާތުތަކެއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް އެ ޕާޓީން ކުރަމުންދާ ކަމަށެވެ.

އަދި އެފަދަ ރިޕޯޓެއް ނެރުނުއިރު އެ ކަމުގައި ޝާމިލުވާ މީހުންނާއި ކުންފުނިތަކާ އެއްވެސް ސުވާލެއް ކުރުމެއް ނެތި އެ ރިޕޯޓު އާންމުކުރުމަކީ މިއީ ސިޔާސީ ބޭނުމެއްގައި ނެރެފައިވާ ރިޕޯޓެއްކަން ސާބިތުވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެހެންވެ މިއީ ވެސް މުއިއްޒުގެ ސަރުކާރުގެ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ބޮލުގައި ސާބިތު ނުހިފޭ ދޮގު އިލްޒާމް އަޅުވައި އަގު ވައްޓާލުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

"ފެނަކަ ކޯޕަރޭޝަންގެ އޮޑިޓު ރިޕޯޓަކީ މި ސަރުކާރުން އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް ސިޔާސީ ބޭނުމެއްގައި ނެރުނު ރިޕޯޓެއް ކަމަށް މި ޕާޓީން ދެކެމެވެ. އަދި އެ ރިޕޯޓަކީ 3 އޮކްޓޯބަރުގައި ބާއްވާ އެއްވުމަށް ލިބެމުންދާ ތަރުހީބު ފެނި ސަރުކާރަށް ގޮތްހުސްވެގެން ނެރުނު ރިޕޯޓެކެވެ. ރައްޔިތުންގެ ނުރުހުން ސަރުކާރަށް އިންތިހާއަށް އޮތުމާއެކު ޕްރޮޕަގަންޑާ ފެތުރުމަށް 2 އޮކްޓޯބަރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވެސް ވަނީ ނިންމާފަ އެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީން ބުނީ ސަރުކާރުން ފުލުފުލުގައި ސިޔާސީ ރިޕޯޓުތައް ނެރެ ސިޔާސީ ހުކުމްތައް ކުރަމުންދިޔަ ނަމަވެސް އަންނަ ހުކުރު ދުވަހު  ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ދިވެހިރައްޔިތުން މަގުތަކަށް ނުކުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ޕާޓީއަށް އެބަ އޮތް ކަމަށެވެ.

ފެނަކައިގެ ރިޕޯޓް ނެރެފައި ވަނިކޮށް ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ އޭނާ ހަތަރު އަހަރަށް ޖަލަށް ލާން ވެސް މިއަދު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

Ads by Allied Insurance