ކޮރަޕްޝަން މައްސަލާގައި ސޯލިހަށް ހަނު ނުހުންނެވޭނެ: ސައީދު

ކުރީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގި ކޮރަޕްޝަންގެ މައްސަލަތަކުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަނު ނުހުންނެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން އޮޑިޓު ރިޕޯޓަކުން ދާދިފަހުން ވަނީ ފަޅާއަރުވާލާފަ އެވެ. އަދި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ދައުލަތުން ސައީދުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ 4 އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ފެނަކައިގެ ތެރޭގައި ކޮރަޕްޝަން ހިނގާކަން އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް ސޯލިހުގެ ސަމާލުކަމަށް ގެނައި ކަމަށާއި ނަމަވެސް އެކަމަށް އެމަނިކުފާނު ދެއްވީ ބީރު ކަންފަތެއް ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަށް އެބަޖެހޭ ބަސްފުޅު ވިދާޅުވާން. ހަނު ހުންނެވޭނެ ކަހަލަ މައްސަލައެއް ނޫން މިއީކީ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ގޯހެއް ހެއްދެވި އިރު، ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އައިސް ނެތިއްޔާ ކުރާނެ ކަމެއް ނެތް ނަމަވެސް، ލިޔެކިޔުމުން އެކަން ރައީސް ސޯލިހުގެ ސަމާލުކަމަށް އޮތީ ގެންނަވާފައި ކަމަށެވެ. އަދި ފެނަކައިގެ ކޮރަޕްޝަނަށް ސަރުކާރުން ސަމާލުވާން ޖެހޭކަމާއި، އެގޮތަށް ހިނގަން ދޫކޮށްނުލުމަށް އޭސީސީގެ އޭރުގެ ރައީސް ސިޓީއަކުން ދަންނަވާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
އަދި ފެނަކައިގެ އޭރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވެސް އެ ކުންފުނީގައި ހިންގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް ރައީސް ސޯލިހުގެ ސަމާލުކަމަށް ގެންނެވި ކަމަށާއި އޭރު މެނޭޖިން ޑިރެކްޓަރުގެ އަމަލުތައް ފެނަކައިގެ ތެރޭގައި ވަރަށް ގޯސްކަމާއި ވައްކަން އިތުރުވާކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބޮޑުވާކަން ފާހަގަކުރެއްވި ކަމަށް ސައީދު ވިދާޅުވި އެވެ.
"ދެންނެވީމަ ރައީސް ސޯލިހު އަމަލުކުރެއްވި ގޮތަކީ، އެ ވާހަކަ ވިދާޅުވި ބޭފުޅާ ގެނެސް ރައީސް އޮފީހަށް ބަދަލުކޮށްފައި، ހަމަ މެނޭޖިން ޑިރެކްޓަރު ބާރުގަދަ ކުރެއްވީ،" ސައީދު ވިދާޅުވި އެވެ.
މީގެއިތުރުން ފެނަކައިގެ އެ ހުރިހާ ކަމެއްވެސް ހިނގައިގެންދިޔައީ ރައީސް ސޯލިހަށް އެނގިވަޑައިގެންކަން، މި ހުރިހާ ކަމަކުން އެނގިގެންދާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
