ޚަބަރު

އަހަރުގެ މިހާތަނަށް 1.6 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.6 މިލިޔަނަށް އަރައިފިއެވެ. ސަރުކާރުން މިއަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފާފައިވަނީ 2.2 މިލިޔަން ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 27 ގެ ނިޔަލަށް ރާއްޖެއަށް 1،619،497 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %12.7 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1،476،894 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5998 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އެގޮތުން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ގައުމަކީ:

* ޗައިނާ: 258،679 ފަތުރުވެރިން
* ރަޝިއާ: 196،594 ފަތުރުވެރިން
* އިނގިރޭސިވިލާތް: 143،761 ފަތުރުވެރިން
* ޖަރުމަނުވިލާތް: 112،834 ފަތުރުވެރިން
* އިޓަލީވިލާތް: 111،584 ފަތުރުވެރިން

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ ރާއްޖެއައި ފަތުރުވެރިންގެ %73.5 އެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ %21.8 ފަތުރުވެރިންނެވެ. ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ހޮޓެލްތަކުގައެވެ. އެއީ %2.6 ފަތުރުވެރިންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1276 ތަނެއް ވަނީ ހުޅުވާފައެވެ. މި ހުރިހައި ތަނެއްގެ ބެޑް ކެޕޭސިޓީ 64،719 އަށް އަރައެވެ.

ސަރުކާރުން މިއަހަރު އަމާޒުހިފާފައިވާ 2.2 މިލިޔަން ފަތުރުވެރިން ގެނައުމަށް ދެން ބާކީ ބޭނުންވަނީ 6 ލައްކައެއްހައި ފަތުރުވެރިންނެވެ.