ޚަބަރު

ޤައުމީ ތަރައްޤީގެ ޕްލޭނަށް 50 ރަށަކުން ޚިޔާލު ހޯދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ޚިޔާލު ހޯދުމުގެ ބައްދަލުވުން މިހާތަނަށް 9 އަތޮޅެއްގެ ޖުމްލަ 50 ރަށުގައި ކުރިއަށް ގެންގޮސްފިއެވެ. ޤައުމީ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ މަސައްކަތްތައް އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމުމަށްވަނީ އަމާޒު ހިފާފައެވެ.

ވިލުންތެރި ރާއްޖެ ޓީމުން ވިދާޅުވީ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ޚިޔާލު ހޯދުމުގެ ބައްދަލުވުން މިހާތަނަށް 9 އަތޮޅެއްގައި ފަށާފަވާއިރު، މީގެތެރެއިން 5 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގައި ބައްދަލުވުންތައް ނިމިފަވާކަމަށެވެ.

ބައްދަލުވުންތައް ނިމިފަވާ އަތޮޅުތައް:

1- އައްޑޫ ސިޓީ (6 ރަށް)
2- ފުވައްމުލައް ސިޓީ
3- ހއ. އަތޮޅު (15 ރަށް)
4- ވ. އަތޮޅު (5 ރަށް)
5- އދ. އަތޮޅު (7 ރަށް)

މި 5 އަތޮޅުގައި ޖުމްލަ 34 ރަށް ހިމެނެއެވެ.

ވިލުންތެރި ރާއްޖެ ޓީމުން ވިދާޅުވީ ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް މިހާރު ކުރިއަށްދަނީ ގދ.އަތޮޅު، މ.އަތޮޅު، ލ.އަތޮޅު އަދި ޅ.އަތޮޅުގައިކަމަށެވެ.

ރައްޔިތުންނާއެކު ބާއްވާ "ކުރިމަގު ސައްލާ"ގެ ބައްދަލުވުންތައް ފަށާފަވަނީ ސެޕްޓެމްބަރު 17 ވަނަ ދުވަހުއެވެ. މި ބައްދަލުވުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްގެންދާނެއެވެ.

ޤައުމީ ތަރައްޤީގެ ޕްލޭންގެ އެންމެ މުހިންމު މަޤުޞަދަކީ މީގެ 20 އަހަރު ފަހުން ރާއްޖެ ތަރައްޤީވެފައި އޮންނާނެ ގޮތުގެ ތަޞައްވުރެއް އެކުލަވާލައި އެއް މިސްރާބަކަށް ސަރުކާރުތަކުން މަސައްކަތްކުރުމެވެ. މި ޕްލޭންގައި ރާއްޖޭގެ އާބާދީއާއި ދިރިއުޅުމަށް އަންނާނެ ބަދަލުތަކާއި ރާއްޖޭގެ ތިމާވެށްޓާއި ޢުމްރާނީ ބަދަލުތަކާއި ޓެކްނޮލޮޖީގެ ގޮތުން އަންނާނެ ބަދަލުތަކަށް ރިޢާޔަތްކުރާނެ ދުރު ރާސްތާގެ ތަޞައްވުރެއް އެކުލެވިގެންވާނެއެވެ.

މިބައްދަލުކުރުންތަކުގައި ބައިވެރިވެ މަޝްވަރާތަކުގައި ބައިވެރިވުމަށް ރަށު އަދި އަތޮޅު ކައުންސިލްތަކަށާއި, ރަށުގައި ޤާއިމްކޮށްފައިވާ ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި، އާންމު ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ފުރުޞަތު އޮންނާނެއެވެ.

ޕްލޭން އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ އަމިއްލަ ކޮންސަލްޓީ ފާމަކާ ހަވާލުކޮށްގެންނެވެ. މަސައްކަތް ވިލަރެސްކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ، ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިންނެވެ.
މި ޕްލޭނަށް ޚިޔާލު ހޯދުމުގެ މަސައްކަތްތައް އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމުމަށްވަނީ އަމާޒު ހިފާފައެވެ. އަދި މުޅި ޕްލޭން ޖެނުއަރީމަހު އިފްތިތާޙުކުރުމަކީވެސް ސަރުކާރުގެ ޢަމާޒެވެ.